މާލޭގެ ގެސްޓް ހައުސެއްގައި އަންހެނަކު ރޭޕްކުރަން އުޅުނު ބަޔަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ މިރޭ 10:55 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް މާފަންނު ގެސްޓް ހައުސެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން އެ ގެސްޓް ހައުސަށް ވަދެ ބަލާފައިވާ ކަަމަށެވެ. ފުލުހުން ބެލިބެލުމުން 4 ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅެފައިިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެސްޓް ހައުސަށް ވަތް އިރު އެ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ވަނީ ފިލާފައެވެ. ނަމަވެސް ގެސްޓް ހައުސް ތެރޭ ތިބި ދެމީހުން ހައްޔަރު ކުރިއެވެ. އޭގެތެރެއިން އެކަކު ހައްޔަރު ކުރީ ގެސްޓް ހައުސްގެ ތެރެއިންނެވެ. ދެވަނަ މީހާ ހައްޔަރު ކުރީ ފުލުހުން ގެސްޓް ހައުސަށް ވަނުމުން ފިލަން އުޅުމުގެ ތެރޭގައި މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅީގެން އެމީހުން ތިބި ކޮޓަރި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.