1989 ވަނަ އަހަރުން ފެށިގެން ސޫދާންގައި ރައީސްކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނެސް، ސޫދާންގެ އަސްކަރިއްޔާއިން ބަޝީރު ހައްޔަރުކޮށްފައި ވާކަން އެގައުމުގެ ދިފާއީ ވަޒީރު އަވާދު އިބުނު އައުފު ކަށަވަރު ކޮށްދެއްވައިފިއެވެ.

އުމަރު އަލް ބަޝީރުގެ ސަރުކާރާ ދެކޮޅަށް ސޫދާންގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާތާ ހަފުތާއެއްހާ ދުވަސް ފަހުން، ވެރިކަން ވައްޓާލާފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އިބުނު އައުފާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބަޝީރު މިވަގުތު ހައްޔަރުކޮށް ބަހައްޓާފައި ވަނީ "ރައްކާތެރި" ތަނެއްގައެވެ.

އުމަރު އަލް ބަޝީރުގެ ވެރިކަން ވައްޓާލާ، ހައްޔަރު ކުރުމަށްފަހު، ސޫދާންގެ ވެރިކަމާ އެ ގައުމުގެ އަސްކަރިއްޔާއިން ހަވާލުވެފައި ވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ޓްރާންސިޝަނަލް ޕީރިއަޑެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގައުމުގައި ރިޔާސީ އިންތިހާބެއްގެ ވޯޓުލުން އޮންނާނީ އޭގެ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލުމާތު ލިބޭ ގޮތުގައި ސޫދާންގައި މިހާރު އޮތީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. ކުއްލި ނުރައްކަތުގެ ހާލަތު އިއުލާން ކޮށްފައި ވަނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. ސުދާންގެ ގާނޫނު އަސާސީވެސް އުވާލާފައި ވާއިރު، ސަރަހައްދީ އިން ހުރަސްކޮށް ސޫދާންއަށް އެތެރެވުންވެސް މިވަގުތު ވަނީ މަނާކޮށްފައެވެ. އަދި ސޫދާންގެ ވައިގެ ސަރަހައްދުވެސް 24 ގަޑިއިރަށް ވަނީ ބަންދު ކޮށްފައެވެ.

ސޫދާންގައި ރައީސްކަން ކުރައްވަމުން ގެންދެވި އުމަރު އަލް ބަޝީރު ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)އިން ވަނީ އަމުރު ނެރެފައެވެ. އައި.ސީ.ސީއިން އޭނާ ހައްޔަރު ކުރަނީ ސޫދާންގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ދާރުފޫރުގައި ލާއިންސާނީ ޖަރީމާ ހިންގެވި ކަމުގެ ކުށުގެ ތުހުމަތުގައެވެ.