އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގެ ހިމާޔަތުގައި ހުރި ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަށް ހިމާޔަތް ދިނުން ނިމުމަކަށް ގެންނަން މަޖުބޫރުވީ ކޮށްދެމުންދިޔަ ކަންތައްތަކަށް ޝުކުރުވެރިވާން ނޭނގުމުންނާ، އޭނާގެ ރުންކުރުވުމުގެ މިޒާޖުގެ ސަބަބުން ކަމަށް އިކުއެޑޯގެ ރައީސް ލެނިން މޮރީނޯ ވިދާޅުވެއްޖެއެވެ.

އިކުއެޑޯއިން އަސާންޖަށް ދެމުންދިޔަ ހިމާޔަތް ނިމުމަކަށް ގެނައުމާއެކު އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ވީ އެންމެ އަވަހަކަށް މެޖިސްޓްރޭޓް ކޯޓަށް އަސާންޖު ހާޒިރުކުރެވޭނެ ކަމަށްވެސް އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ ފުލުހުން އިކުއެޑޯ އެމްބަސީއަށް ވަދެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަވާ އިކުއެޑޯ އެމްބެސަޑަރުގެ ދައުވަތަކަށެވެ. މި ދައުވަތު އިނގިރޭސިވިލާތުގެ ފުލުހުންނަށް އަރުވާފައިވަނީ، އިކުއެޑޯއިން އަސާންޖަށް ދެމުންދިޔަ ހިމާޔަތް ހުއްޓާލި ހިސާބުންނެވެ.

އަސާންޖަށް ހިމާޔަތް ދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެކޮޅު ޖެއްސޭ ވަރުގެ ކަމެއް ނޫންކަމަށާ އެކަމަށް ހިނގާ ޚަރަދަކީ ފޫބެއްދޭ ވަރުގެ ކަމެއް ނޫންކަމަށް މޮރީނޯ ވިދާޅުވިއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މުއާހަދާތަކާ، އާންމު ދިރިއުޅުމުގެ ޕްރޮޓޮކޯލްތަކާއިވެސް އަސާންޖު ތަކުރާރުކޮށް ހިލާފުވަމުން ގޮސްފައިވާކަން އިކުއެޑޯގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިކުއެޑޯއިން ދެމުންދާ ޑިޕްލޮމެޓިކް ހިމާޔަތް ނިމުމަކަށް ގެނައުމަކީ އެގައުމަށް ލިބިފައިވާ މިނިވަން ހައްގެއް ކަމަށާ، ބައިނަލްއަގުވާމީ ޤާނޫނުގެ ފްރޭމްވާކުން އެގައުމުގެ މައްޗަށް ލާޒިމުކުރި ޒިންމާ އިކުއެޑޯއިން އަދާކޮށްފައިވާކަމަށްވެސް އިކުއެޑޯގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ވިކިލީކްސްއިން ބުނަމުންދަނީ އިކުއެޑޯއިން އަމަލުކޮށްފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އިކުއެޑޯއިން އަސާންޖަށް ދެމުންދިޔަ ހިމާޔަތް ނިމުމަކަށް ގެނައިކަމުގައި ވީ ނަމަވެސް، އަސާންޖަށް ލާއިންސާނީ އަނިޔާ ދީ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ، އެކަން ތަންފީޒުކުރާނެ އެއްވެސް ގައުމަކަށް އޭނާ ފޮނުވާނުލުމުގެ ޔަގީންކަން ދިނުމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށްވެސް އިކުއެޑޯގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އިކުއެޑޯގެ ރައީސްގެ ޒާތީ ފޮޓޯފުޅެއް ދާދިފަހުން ސޯޝަލް މީޑިއާއަށް ލީކުކޮށްލުމުގެ ފަހަތުގައި އޮތީ ވިކިލީކްސް ކަމަށް އިކުއެޑޯއިން ތުހުމަތުކުރެއެވެ.

އަސާންޖާ ދެކޮޅަށް ސްވީޑްންއިން ކުރި ޝަރިޔަތް ދޫކޮށްލާފައި އޮތް ނަމަވެސް ކަފާލާތުގެ ގަވައިދާ ހިލާފުވެފައިވާކަމުގެ ކުށުގައި އަސާންޖު ހައްޔަރުކުރާނެ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުގެ ފުލުހުން މީގެ ކުރިންވަނީ ދީފައެވެ. މީގެ އިތުރުން އެމެރިކާއިން އަފްޣާނިސްތާނާ އިރާގުގައި ކުރި ހަނގުރާމައާއި ގުޅޭ ސިއްރު ލިޔުންތަކެއް ލީކުރި ކުރި މައްސަލާގައި އެމެރިކާއިންވެސް ދަނީ އަސާންޖާ ދެކޮޅަށް ދައުވާ ކުރަމުންނެވެ.