ދާހިލީ ހަމަނުޖެހުންގަނޑު ގަދަވަމުން އަންނަ ލީބިއާގެ 500000 އެއްހާ ކުޑަކުދިން ތިބީ ނުރައްކަލުގެ ތެރޭގައި ކަމަށް އިންސާނީ އެހީއާއި ބެހޭ އދގެ އިދާރާއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިއާގެ ސަރުކާރު ވައްޓާލާ، ވެރިރަށް ތުރާބުލުސް ހިފުމަށް ޖެނެރަލް ޚަލީފާ ހަފުތާރުގެ ހަނގުރާމަވެރިން އަތްގަދަ ކުރަމުން އަންނަ ވަރަކަށް ލީބިއާގެ މަސްރަހު ދަނީ ނުތަނަވަސްވަމުންނެވެ.

ސަރުކާރަށް ވަފާތެރި އަސްކަރިއްޔާއާއި ޖެނެރަލް ހަފުތާރުގެ ހަނގުރާމަވެރިންނާ ދެމެދު ވެރިރަށް ތުރާބުލުސްގައި ހިންގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު މިހާރު ވަނީ އަމިއްލަ ގެދޮރު ދޫކޮށް، ބިކަހާލުގައި ޖެހިފައިއެވެ. އަނެއް ބަޔަކު ތިބީ އެމީހުންގެ ގެތަކުގައި ތާށިވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ގާތްގަނޑަކަށް ހަފުތާއަކަށް ދެމިގެން ގޮސްފައިވާ ހަމަނުޖެހުންތަކުގައި މިހާތަނަށް 47 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އާންމުންގެ 9 މީހުންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ކުރިމަތިލުންތައް އެންމެ ވަރުގަދަ ވެފައިވަނީ ތުރާބުލުސްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނޭ ސަރަހައްދުގައެވެ. އަސްކަރިއްޔާއާއި ޖެނެރަލް ހަފުތާރުގެ ހަނގުރާމަވެރިން މަސައްކަތްކުރަމުންދަނީ ވައިގެ ބަނދަރުގެ ކޮންޓްރޯލް ނެގުމަށެވެ.

ހުޅަނގުގެ ގުޅިފައިވާ އަސްކަރީ ބާރު (ނޭޓޯ)ގެ ފައުޖުތައް އިސްވެ އޮވެ، ލީބިއާގެ ކުރީގެ ޚުދުމުޚުތާރު ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލިފަހުން، ލީބިއާގެ މަސްރަހަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ.