ދުނިޔޭގައި ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ލަގަބު ހޯދާފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ފުރަތަމަ މަރުހަލާގެ ވޯޓުލުން ފަށާފައިވަނީ، ބުރާސްފަތި ދުވަހު އިންޑިއާ ގަޑިން ހެނދުނު 07:00 ގައެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ މަރުހަލާގެ ވޯޓުލުން ފަށާފައިވާއިރު، މި މަރުހަލާގައި 91 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުދޭނެއެވެ.

ކެމްޕޭން ރެލީއެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތަގުރީރު ކުރައްވަނީ/ފޮޓޯ: ބީބީސީ

ބުރާސްފަތި ދުވަހު ވޯޓުލުން ކުރިއަށްދާ ސަރަހައްދުތަކުގެ ތެރޭގައި އަންދްރާ ޕްރަދޭޝް، އަރޫނާޗަލް ޕްރަދޭޝް، މެގަލާޔާ، އުއްތަރަޚާންދް، މިޒޯރާމް، ނާގަލާންޑް، ސިއްކިމް، ލަކްޝަދްވީޕު، އެންޑަމަން އެންޑް ނިކޯބާ އައިލަންޑްސް އަދި ތެލަންގަނާ ހިމެނެއެވެ. މީގެ އިތުރުން، އައްސާމް، ބިހާރު، ޗައްތީޝްގަރު، ޖައްމު އާއި ކަޝްމީރު، މަހާރާޝްތްރާ، މަނީޕޫރު، އޮޑިއްސާ، ތިޕޫރާ، އުއްތަރަޕްރަދޭޝް އަދި ވެސްޓް ބެންގޯލްގައިވެސް ވޯޓުލުން ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ އެންމެ ފަހު މަރުހާލާގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކަމަށްވާއިރު، ނަތީޖާ އިއުލާން ކުރުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަކުރައްވާ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ/ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް އެ ގައުމުގައި ކުރިއަށް ގެންދާ އެންމެ ބޮޑު އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލުމަށް 83 މިލިއަން މީހަކު ވަނީ ޝަރުތު ހަމަވެފައެވެ. ވޯޓުލާ މީހުންގެ އާބާދީއަށް ބަލާއިރު 15 މިލިއަން މީހުންނަކީ، އުމުރުން 18 އަހަރާ 19 އަހަރުގެ ޒުވާނުންނެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން 39 ދުވަހުގެ މުއްދަތަކަށް ދެމިގެންދާއިރު، ވޯޓުލުމަށް 1 މިލިއަން މަރުކަޒު ވަނީ ހާއްސަކުރެވިފައެވެ. އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލަނީ އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމްތައް ބޭނުންކޮށްގެންވެ.

މިފަހަރުގެ އިންތިހާބަކީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ވެރިކަން ކުރާ ބަހާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ނަރޭންދްރާ މޯދީ މަސައްކަތްކުރައްވާ އިންތިހާބަކަށްވާއިރު، މޯދީއާއި ވާދަކުރައްވަނީ އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއެވެ.

ލޮކް ސޮބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް އެކުލެވިގެންވަނީ 543 މެމްބަރުންގެ މައްޗަށް ކަމަށްވާއިރު، އިންޑިއާގެ މައި ސަރުކާރު އެކުލަވާލެވެން އަންނަނީ 272 ގޮނޑި ކާމިޔާބު ކުރާ ބަޔަކަށެވެ.