ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ސުލްހައަށް ފުރުސަތު އޮތީ، ބުރާސްފަތި ދުވަހު ފަށާ އިންޑިއާގެ އާންމު އިންތިހާބުގައި، މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ކާމިޔާބު ލިބިވަޑައިގަތުމުން ކަމަށް ގަބޫލުފުޅުކުރައްވާކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، މިވަގުތު އިދިކޮޅު ފިކުރުގެ ގޮތުގައި އޮތް ކޮންގްރެސްއަށް އިންތިހާބުގައި ކާމިޔާބު ލިބި ވެރިކަމާ ހަވާލުވެއްޖެނަމަ، ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ އެއް ގަލަކަށް އެރުމަށް އިންޑިއާގެ އާ ސަރުކާރު ބިރުގަތުމުގެ ފުރުސަތު އެބައޮތްކަމަށާ، އެހެނީ އަތުވެދާނެ ދެކޮޅުވެރިކަމުގެ ހަމަލާއަކަށް ކޮންގްރެސްގެ އާ ސަރުކާރު ޖެހިލުންވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
ބައިނަލްއަގުވާމީ ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ބީޖޭޕީއަށް ކުރި ލިބިއްޖެނަމަ ކަޝްމީރުގެ މައްސަލައަށް ސުލްހައެއް ހޯދުމަށް ކުޑަ ނަމަވެސް ފުރުސަތެއް ތަނަވަސްވެގެންދާނެކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އިންޑިއާގައި މިހާރު ހިންގަމުންދާ ކަންކަން އެގޮތުގައި ހިނގާފާނެ ފަހަރުގައި ހީފުޅުނުކުރައްވާ ކަމަށާ، އިންޑީއާއިން މިހާރު ފެނިގެންދަނީ މުސްލިމުންނާ ދެކޮޅަށް ހަމަލާ ދޭ މަންޒަރުކަމަށެވެ. މުސްލިމުންގެ ގޮތުގައި އުފަލާއެކު އިންޑިއާގައި ދިރިއުޅެމުންދިޔަ ކިތަންމެ ބަޔަކު، ހީންދޫންގެ ސަބަބުން މިހާރު ކަންބޮޑުވުމެއްގެ ތެރޭގައި ތިބިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް އިންތިހާބުގައި ބީޖޭޕީއަށް ކުރި ނުލިބުނު ކަމުގައި ވީނަމަވެސް، ޕާކިސްތާނަށް އަސްކަރީ ހަމަލާ އަމާޒުވުމުގެ ފުރުސަތުވެސް އެބައޮތްކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އިންޑިއާގެ ހަމަލާއެއް، މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި ޕާކިސްތާނަށް އަމާޒުވާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީވެސް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
އިންތިހާއަށް ގޮސްފައިވާ ފަގީރު ކަމުގައި ދިރިއުޅެމުންދާ 100 މިލިއަނެއްހާ މީހުން ނިކަމެތިކަމުން ސަލާމަތްކުރުމަށްޓަކައި އަފްޣާނިސްތާނު، އީރާނު އަދި އިންޑިއާ ފަދަ އަވަށްތެރި ގައުމުތަކާ ގުޅުން ބަދަހިކުރަންޖެހޭކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އިޝާރާތްކުރައްވާފައެވެ.