އިންތިހާބީ ކެމްޕޭންތަކުގެ ގަވައިދާ ހިލާފަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ކެމްޕޭންތަކުގައި ވާހަކަފުޅުދައްކަވާ ކަމުގެ ޝަކުވާތަކެއް ލިބުމާ ގުޅިގެން އިންޑިއާގެ އިންތިހާބުތަކާ ބެހޭ އެންމެ މަތީ ކޮމިޝަނުން އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް އިތުބާރުހުރި މަސްދަރުތަކަކާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަހާރާޝްތްރާގައި ވާހަކަފުޅު ދައްކަވަމުން، އިންތިހާބީ ކެމްޕޭންގެ ގަވައިދުތަކާ މޯދީ ހިލާފުވެވަޑައިގެންފައިވާކަމުގެ ޝަކުވާ ރިޕޯޓްކުރައްވާފައިވަނީ މަހާރާޝްތްރާގެ ޗީފް އިލެކްޝަންސް އޮފިސަރުކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޯދީއާއި ދެކޮޅަށް ބަލަމުންދަނީ، އިންތިހާބީ ކެމްޕޭން ރެލީއެއްގައި ދެއްކެވި ވާހަކަފުޅުގައި ތާއީދު ހޯއްދެވުމުގެ ހަތިޔާރެއްގެ ގޮތުގައި އިންޑިއާގެ އަސްކަރިއްޔާ ބޭނުންކުރައްވާފައިވާތީ އެ މައްސަލައެވެ.

އިންޑިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުންވަނީ އިންތިހާބުގައި ތާއީދު ހޯދުމުގެ ހަތިޔާރެއްގެ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާ ސިޔާސީ ނުކުރުމަށް ގޮވާލާފައެވެ.

މޯދީގެ ބީޖޭޕީއާއި ދެކޮޅަށް ފެންމަތިކޮށްފައިވާ އިތުރު ޝަކުވާތަކަށް ބަލާއިރު، އިންޑިއާގެ ގައުމީ ސަލާމަތަށް އިހުތިރާމުކުރާ ހަމައެކަނި ޕާޓީއަކީ ބީޖޭޕީކަމަށް އެ ޕާޓީއިން ތަސްވީރު ކޮށްދެމުންދާދިއުމުގެ ޝަކުވާވެސް ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއިން ބުނީ، ބީޖޭޕީއާއި ދެކޮޅަށް ކިތަންމެ ގިނަ ޝަކުވާއެއް ހުށަހަޅާފައި އޮތް ކަމުގައި ވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަމުން ނުދާ ކަމަށެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަނަށްވުރެ ގިނަ މީހުން އިންޑިއާގައި ތިބިއިރު، މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާއިރު 10 ޕަސެންޓް އެވެ. އިންޑިއާގެ އާންމު އިންތިހާބަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތްވެސްމެއެވެ. އާންމު އިންތިހާބުގެ ވޯޓުލުން 39 ދުވަހަށް ދެމިގެންދާއިރު، ނަތީޖާ އިއުލާން ކުރުމަށް ތާވާލު ކޮށްފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހަށެވެ.