އޭޕްރިލް 9 ވަނަ ދުވަހު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ކުރި ހޯއްދަވާ، ބޮޑުވަޒީރު ކަމުގެ 5 ވަނަ ދައުރެއް، މިހާރުގެވެސް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކަށަވަރުކުރައްވާފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނަން ފަށައިފިއެވެ.

ވޯޓުގެ %96 ގުނާ ނިމިފައިވާއިރު ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް (ނެސެޓް)ގެ 37 ގޮނޑިކަމަށް މައުލޫމާތު ލިބެއެވެ.

ނަތަންޔާހޫ ސިޔާސީ އިދިކޮޅު ޖެނެރަލް ބެނީ ގެންޓްޒްއަށް ކަށަވަރުވީ 36 ގޮނޑި ކަމަށް ޚަބަރުތައް ބުނެއެވެ.

ނަތަންޔާހޫއާއި ބެންޓްޒްވެސް ވަނީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެކަމަށް އިއުލާންކުރައްވާފައެވެ.

މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، 120 މެމްބަރުންގެ މައްޗަށް އެކުލެވޭ ނެސެޓްގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބިފައި ނެތެއްކަމަކު، ކަނާތު ފިޔައިގެ ޕާޓީތަކާއެކު ކޯލިޝަން ހައްދަވައިގެން މަޖިލީހުގެ މެޖޯރިޓީ ނަންގަވާނީ ނަތަންޔާހޫ ކަމަށް ސިޔާސީ މުރާސިލުން ލަފާކުރެއެވެ.