2017 ވަނަ އަހަރާ އަޅާ ބަލާއިރު 2018 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރި މިންވަރު 31 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 690 ގައިދީއެއްގެ މައްޗަށް ކަމަށްވާއިރު، 2017 ވަނަ އަހަރު މި އަދަދު އުޅުނީ 993ގައެވެ. މިއާއެކު 2018 ވަނަ އަހަރު ވެފައިވަނީ، 10 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ މަދުން މަރުގެ ހުކުމް ތަންފީޒުކުރެވިގެންދިޔަ އަހަރުކަމުގައިވެސްމެއެވެ.

2018 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުން 54 ގައުމެއްގައި 2531 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، މިއީވެސް 2017 ވަނަ އަހަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އެމްނެސްޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު 2591 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ޗައިނާގައެވެ. ބުނެވޭ ގޮތުގައި މިއަދަދު ހާހުން ގުނާލެވޭނެއެވެ. މި ލިސްޓާ ދެން ގުޅެނީ އީރާނު، ސައުދީ އަރަބިއްޔާ، ވިއެޓްނާމް އަދި އިރާގެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ތަންފީޒުކޮށްފައިވާ މަރުގެ ހުކުމުތަކުގެ ޖުމުލައަށް ބަލާއިރު، 78 ޕަސެންޓް ހިއްސާކުރަނީވެސް އިސް ދެންނެވުނު ގައުމުތަކުންކަން އެމްނެސްޓީ އިންޓަނޭޝަނަލްއިންވަނީ ފާހަގަކޮށްފައެވެ.

ފާއިތުވީ 10 އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެ އަހަރު 1634 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާކަމަށް އެމްނެސްޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.