އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ބަޔަކު ހަމަލާ ދީ އަވަހާރަކޮށްލައިފިއެވެ.
އަވަހާރަކޮށްލާފައިވަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ބީމާ މަންދާވީއެވެ.
އުމުރުފުޅުން 40 އަހަރުގެ މަންދާވީ އަވަހާރަކޮށްލާފައިވަނީ، އޭޕްރިލް 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބަށް، ޗަތީސްގަރު ސްޓޭޓްގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، އޭނާ އިންނެވި ގާފިލާއަށް ހަމަލާ ދީގެންނެވެ.
މި ހަމަލާގައި މެމްބަރުގެ ސަލާމަތީ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރި 4 މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
ޚަބަރު ލިބޭ ގޮތުގައި މި ހަމަލާއަކީ އިންޑިއާގައި ދިރިއުޅޭ މާއޮއިސްޓް ހަނގުރާމަވެރިން ދިން ހަމަލާއެކެވެ.
އިސް އޮފިސަރެއް ކަމަށްވާ ގިރްދާރީ ނަޔަކު ވިދާޅުވީ، ފުރަތަމަ ހަމަލާ ދީފައިވަނީ ބާރުގަދަ ގޮވުމެއް ގޮއްވާލައިގެން ކަމަށާ، އެއަށްފަހު އެހަމަލާއިން ސަލާމަތްވީ މީހުންގެ ގަޔަށް ބަޑިން ހަމަލާ ދީފައިވާކަމަށެވެ.
ފާއިތުވީ 30 އަކަށް އަހަރު ދުވަހަށް ބަލާއިރު މާއޮއިސްޓް ހަނގުރާމަވެރިންގެ ނުރައްކާ ޗަތީސްގަރަށް ވަނީ ބޮޑުވެފައެވެ.
