އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގައި އޮންނަ ކަޝްމީރުގެ މައްސަލައާއި ގުޅިގެން އިންޑިއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ސުލްހަކުރެވިގެންދިއުމަކީ ސަރަހައްދީ ފެންވަރުގައި ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މީގެ 8 ވަރަކަށް މަސްދުވަސް ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި އިމްރާން ވިދާޅުވާ ގޮތުގައި ނިއުކްލިއާ ދެ ބާރުވެރިންގެ ގޮތުގައި މި ދެ އަވަށްޓެރިންގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާކޮށް ވާހަކަ ދެއްކުމެވެ.

މިދަނޑިވަޅަކީ ތާރީހީ، އާންމު އިންތިހާބުގެ ވޯޓަކަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެކެވެ. ހަމަ އެހެންމެ، ކަޝްމީރުގެ ޕުލްވާމާގައި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ 40އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާއާއި ގުޅިގެން ދެ ގައުމުގެ ގުޅުން އިހުނަށްވުރެ ބޮޑަށް ނުރައްކާތެރި ފައްތަރަކަށް އަރާފައިވާ ދަނޑިވަޅެއްވެސްމެއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދެއްވަން ބޭނުންފުޅުވާ މެސެޖެއް އެބައޮތްތޯ ނޫސްވެރިޔާ ދެންނެވި ސުވާލުގެ ޖަވާބުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ، ކަޝްމީރުގެ މައްސަލަ ހައްލުވާންޖެހޭ ކަމަށާ، މިމައްސަލައަކީ ހޫނުފެންގަނޑެއްގައި އަބަދާ އަބަދު ކެކިކެކި އޮންނަ މައްސަލައެއްގެ ގޮތުގައި ބޭއްވެން ނެތް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިންޑިއާއާއި ޕާކިސްތާނު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުން ކަމަށެވެ. ދެގައުމުންވެސް މިކަން ކުރަނީ ހިޔާލު ތަފާތުވާ ކަންކަމާ މެދު މަޝްވަރާ ކޮށްގެން ކަމަށެވެ. ނަމަވެސް ދެގައުމުގެ ފަރަގެއް އެބައޮތް ކަމަށާ އެއީ "ކަޝްމީރު" ކަމަށް އިމްރާން ވަނީ އިޝާރާތް ކުރައްވާފައެވެ.

އޭޕްރިލް 11 ވަނަ ދުވަހު އިންޑިއާގައި ފަށާ އާންމު އިންތިހާބުގެ ވޯޓާ ދިމާކޮށް ވެރިކަން ކުރާ ބީޖޭޕީއިން ކުރިއަށް ގެންދާ ކެމްޕޭނަށް ބަލާއިރު، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އަމާޒު ހިއްޕަވާފައި ހުންނެވި މޯދީގެ ކެމްޕޭން ތަގުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ ޕާކިސްތާނާ ދެކޮޅު މައުލޫތަކާ، ގައުމީ ސަލާމަތާ ގުޅުންހުރި ސުރުހީތަކުގެ މައްޗަށެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ފެށިދާނެ ހަނގުރާމައަކަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، އެއްވެސް ކޮޅަކުން ހަމަލާއެއް ދީ އޭގެ ރައްދު ހަމަލާއެއް ދީފިނަމަ ދެން އެމައްސަލަގަނޑު ދާނެ ހިސާބެއް އެއްވެސް މީހަކަށް އަންދާޒާކޮށްލަންވެސް ނޭނގޭނެކަމަށެވެ. ނަމަވެސް، އިންޑިއާއިން އަނެއްކާވެސް އައިސް ޕާކިސްތާނަށް ހަމަލާދީފިނަމަ، ރައްދުގައި ހަމަލާދިނުމަށް ޕާކިސްތާނަށް މަޖުބޫރުވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ނިއުކްލިއާ 2 ބާރުގެ މެދުގައި މިފަދަ ކަމެއް ހިނގާދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އިމްރާން ވަނީ ސިފަކުރައްވާފައެވެ.

ކަޝްމީރުގައި ވަކި ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތަކުން މުޒާހަރާކުރަނީ/ފޮޓޯ: ރޮއިޓާޒް

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައަށް ބަލާއިރު، 2 ގައުމުންވެސް ބުނަމުންދަނީ ކަޝްމީރަކީ އެ ބައެއްގެ ހައްގެއް ކަމަށެވެ. ނަމަވެސް 2 ގައުމަށްވެސް ލިބިފައިވަނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރުގެ ބައެއް ބައިތަކުގެ ކޮންޓްރޯލެވެ. ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުން ވަރުގަދަ 2 ހަނގުރާމައެއްކޮށްފައިވާއިރު، ދޭތެރެ ދޭތެރެއިން އެކި ކަހަލަ ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ހިންގައެވެ.

އިންޑިއާއި ޕާކިސްތާނުންވަނީ 2003 ވަނަ އަހަރު، ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާ، ކަޝްމީރުގެ އިންޑިއާއި ވީ ފަޅިއާއި ޕާކިސްތާނާ ވީ ފަޅި ވަކިކުރާ ލައިން އޮފް ކޮންޓްރޯލް ފާހަގަކޮށް އެކަމަށް އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް ކަޝްމީރުގެ ދާހިލީ ހަމަނުޖެހުންތަކެއްވެސް ވަކި ކުޑައެއް ނުވިއެވެ. ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ދިރިއުޅޭ ގިނަ މީހުންނަކީ އިންޑިއާގެ ދަށުގައި އޮންނަން ބޭނުންވާ މީހުންނެއް ނޫނެވެ. އިންޑިއާއިން ބުނާ ގޮތުގައި އެ މީހުންނަށް އެއްބާރުލުން ދެނީ ޕާކިސްތާނުންނެވެ. ވަޒީފާ ނުލިބުމުގެ މައްސަލައާއި، އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ ޝަކުވާތަކާ، ހަނގުރާމަވެރިންގެ ނުރައްކަލުގެ ވާހަކައަކީ ކަޝްމީރޭ ކިޔައިގެން އަބަދުމެހެން އިވެމުންދާ ވާހަކަތަކެކެވެ.