އައްޑުސިޓީ ހިތަދޫގައި ހުންނަ އީހަބް ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައަކާއި ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ފަތިހުގެ 4:02 ހާއިރު އާންމުންގެ ފަރާތަކުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ފިހާރައަކީ ސީސީޓީވީވެސް ހުންނަ ފިހާރައަކަށް ވެފައި އެ ފިހާރަ ފަޅާލައި ވައްކަން ކުރި ވީޑީއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ވައިރަލް ވަމުންނެވެ. މި ވިޑިއޯއިން ފެންނަނީ ހަތަރު މީހަކު މަގުގެ އެއްފަރާތުން ބާރު ހިނގުމެއްގައި އައިސް އޭގެތެރެއިން ތިން މީހަކު އަތުގައި އޮތް އެއްޗެއް ފިހާރައިގެ މައި ދޮރާ ދިމާއަށް ހޫރާލާތަނެވެ. އެ ވަގުތު ފިހާރައިގެ މައިދޮރުގެ ބިއްލޫރި ތަޅައިގެންދާ އަޑު ސާފުކޮށް އެ ވީޑިއޯއިން އިވެއެވެ.

އީހަބް ފިހާރަ ފަޅާލައި ވައްކަން ކުރި ވީޑިއޯ ސޯޝަލް މިޑިއާގައި

ދެން ފެންނަނީ އެ ފިހާރަ ތެރެއަށް އޭގެތެރެއިން ދެމީހަކު ވަންނަ ތަނެވެ. އަނެއް ދެމީހުން ތިބެނީ ބޭރުގައި މަޑުކޮށްގެން ފާރައަށެވެ. އެތެރެއަށް ވަންނަ ދެ ޒުވާނުން އެ ފިހާރަ ތެރޭގައި ހުރި ޝޯކޭސްތައް ހަލާކުކޮށްލައެވެ. އަދި އެތަނުން އެކަކު "ނަން ނުކިއުމަށް" ބުނާ އަޑު އެ ވީޑިއޯއިން އިވެއެވެ. އަދި އަވަސްކުރުމަށާ އެ ޝޯކޭސް "ތަޅާ ފުނޑާލަން" ވެސް ބުނާ އަޑު އިވެއެވެ.

މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު އީހަބް ފިހާރަ ތެރެއަށް ވަދެ އެ ފިހާރައަށް އެކިވަރުގެ ގެއްލުން ދީފައިވަނީ ކުރީ ރޭ ދަންވަރު 3:56 ހާއިރެވެ. އެ ފިހާރައަކީ ފޯނާއި ޕްރިންޓަރާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރަައެކެވެ.