އެމެރިކާ އަކީ ޓެރަރިޒަމް ސްޕޮންސާ ކޮށް އެކަމަށް ޚަރަދުކުރަމުންދާ ގައުމެއް ކަމަށް ކަނޑައަޅާ، "ޓެރަރިޒަމްގެ ސްޕޮންސަރެއްގެ" ދަރަޖަ އެ ގައުމަށް ދިނުމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލުން ނިންމައިފިއެވެ.

އެމެރިކާއާއި ދެކޮޅަށް އީރާނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ އެއް ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރަނީ ގާޑްސް ކޯޕްސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި އެމެރިކާއިން ކަނޑައެޅުމާ ގުޅިގެން އެކަމުގެ ބަދަލު ހުފުމުގެ ރޫހުގައި ކަމަށް ބެލެވެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ކައުންސިލުން ނެރުނު ބަޔާން ބުނާ ގޮތުގައި، މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ ގޮފިތަކަކީވެސް ޓެރަރިސްޓު ޖަމާއަތްތަކެއް ކަމުގައި އީރާނުން ވަނީ ކަނޑައަޅާފައެވެ.

ހަތުރުން ގޮތުގައި އޮތް އެމެރިކާއާއި އީރާނުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ޓެރަރިސްޓުންގެ ލަގަބު ދެމުންދާއިރު، މިއީ އީރާނުގެ ހަތުރު އަދި އެމެރިކާގެ މިތުރުގެ ގޮތުގައި އޮތް އިސްރާއީލުގެ އާންމު އިންތިހާބާ ދިމާކޮށް އިސްރާއީލުގެ ބޮޑުވަޒީއު ބެންޖަމީން ނަތަންޔާހޫއަށް އެމެރިކާއަށް ދެވުނު 'ގޯސް' ހަދިޔާއެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ ސިފަކުރައްވާފައެވެ.

1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު އުފެދިގެން އައި އީރާނިއަން ރިވަލޫޝަނަރަނީ ގާޑްސް ކޯޕްސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި އެމެރިކާއިން ކަނޑައެޅުމާއެކު ނަތަންޔާހޫ ވަނީ އެމެރިކާއަށް ޝުކުރު އަދާކުރައްވާފައެވެ.

125000 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޔުނިޓްގައި އަސްކަރީ ސިފައިންގެ އިތުރުން ކަނޑާ ވައިގެ ސިފައިންގެ ފައުޖުތައްވެސް މި ޔުނިޓްގައި އޮވެއެވެ. އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫއުތަކާ ނިއުކްލިއާ މަޝްރޫއުތަކުގެ ބެލެހެއްޓުންތެރިއަކީވެސް އީރާނިއަން ރިވަލޫޝަނަރަނީ ގާޑްސް ކޯޕްސްކަމަށްވާއިރު، މި ފައުޖުން ރިޕޯޓްކުރަމުންދަނީ ސީދާ އީރާނުގެ ރޫހީ ލީޑަރަށެވެ.

އެމެރިކާއާއި އީރާނުގެ ގުޅުން މިހާ ބޮޑަށް ހީނަރުވެފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށި ހިސާބުންނެވެ.