އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑައިރެކްޓާ މަގާމުން ދުރުކުރައްވައިފިއެވެ.
ސީކްރެޓް ސާވިސްގެ ޑައިރެކްޓާ ކަމުގެ މަގާމުން ރެންޑޯލްފް އެލީޒް ދުރުކުރައްވާފައިވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުފުޅަކަށެވެ.
ރެންޑޯލްފްއަކީ، އެމެރިކާގެ ދާހިލީ ސާލަމަތާ ބެހޭ ވުޒާރާގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން މަގާމުން ދުރުކުރެއްވުމުގެ އޮއެވަރުގައި، މި ލިސްޓަށް އެންމެ ފަހުން އިތުރުވި އޮފިޝަލެވެ.
އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ޓްރަމްޕް ތަންފީޒުކުރައްވަމުން ގެންދަވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިލައްވަންޖެހިވަޑައިގެންނެވި ފިއްތުންތަކާއެކު، އެމެރިކާގެ ދާހިލީ ސަލާމަތާ ބެހޭ ވަޒީރު ކަމުގެ މަގާމުން ކްރިސްޗެން ނީލްސަންވެސް ވަނީ މީގެ 1 ދުވަސް ކުރިން އިސްތިއުފާ ދެއްވާފައެވެ.
2017 ވަނަ އަހަރުން ފެށިގެން އެމެރިކާ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއްވަނީ މަގާމުން ދުރުކުރެއްވި ނުވަތަ އަމިއްލަފުޅަށް މަގާމުން ދުރަށްޖެހިވަޑައިގެންފައެވެ.
ސީކްރެޓް ސާވިސްގެ ޑައިރެކްޓަރުކަމުގެ މަގާމުން ރެންޑޯލްފް ދުރުކުރެއްވުނީ ޓްރަމްޕް އަމުރުފުޅަކަށް ކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ވައިޓް ހައުސްއިންވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ފާއިތުވީ 40 އަހަރު ދުވަހު ރެންޑޯލްފް އެމެރިކާއަށް ކޮށްދެއްވި ހިދުމަތަށް ވައިޓްހައުސްއިންވަނީ ޝުކުރު އަދާކޮށްފައެވެ.
އެމެރިކާގެ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސީކްރެޓް ސާވިސް ޑިޕާޓްމަންޓަކީ އެމެރިކާގެ ރިޔާސަތުގައި އެދުވަސްވަރެއްގައި ހުންނަވާ ބޭފުޅެއްގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޔުނިޓެވެ.
