ލީބިއާގެ ވެރިރަށް ތުރާބުލުސްގައި މިވަގުތު އޮޕަރޭޓްކުރާ ހަމައެކަނި އެއާޕޯޓަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާދިން އަމަލު، އދއިން ކުށްވެރިކޮށްފިއެވެ.

ހަމަނުޖެހުންގަނޑު ގަދަވެފައިވާ ލީބިއާގެ ވެރިރަށް ތުރާބުލުސްގެ މިތީގާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވައިގެ މަގުން ދިން ހަމަލާއާއި ގުޅިގެން ހުރިހާ ފަސެންޖަރުން އެއާޕޯޓުން ބޭރުކޮށްފައިވާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވިކަމުގެ އެއްވެސް ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އދއިން ބުނާ ގޮތުގައި މި ހަމަލާއަކީ ޖެނެރަލް ޚަލީފާ ހަފްތާރަށް އެއްބާރުލުންދާ ހަނގުރާމަވެރިން ދިން ހަމަލާއެކެވެ. ޖެނެރަލް ހަފްތާރަކީ ތުރުބާލުސްގެ ކޮންޓްރޯލް އަތުލުމަށް މަސައްކަތްކުރަމުންދާ ކޮމާންޑަރެކެވެ.

ޖެނެރަލް ހަފްތާރުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ، ހަމަލާ ދިނުމުގައި މަދަނީ މަތިންދާބޯޓުތަކަށް ޓާގެޓްކޮށްފައި ނުވާނެ ކަމަށެވެ.

އދގެ އެއްބާރުލުން ލިބިފައިވާ ސަރުކާރުގެ އަތުން ލީބިއާގެ ވެރިރަށް ތުރާބުލުސްގެ ކޮންޓްރޯލް އަތުލުމުގެ އޮޕަރޭޝަން ފެށިކަން، ލީބިއަން ނޭޝަނަލް އާމީ (އެލް.އެން.އޭ)ގެ ނަމުގައި ޖަމާއަތެއް ލީޑު ކުރަމުން އަންނަ ޖެނެރަލް ހަފްތާރު އިއުލާން ކުރީ ހުސްވި ހަފުތާގެ ތެރޭގައިއެވެ.

ޖެނެރަލް ހަފްތާރު މަސައްކަތް ކުރަމުންދަނީ ބަޣާވާތެއް ކުރުމަށް ކަމަށް، ލީބިއާގެ ބޮޑު ވަޒީރު ފާއިޒު އަލް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ތުރާބުލުސް ހިމެނޭ ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 28000 މީހުން އެ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައިވާކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ.