އިސްތިރާޖީ ގޮތުން މުހިންމުކަން ލިބިފައިވާ ސްރީލަންކާގެ ހަމްބަންޓޯޓާ ޕޯޓްގެ ސަލާމަތާ އޮޕަރޭޝަނާ ގުޅުންހުރި ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް އޮތީ ސްރީލަންކާގެ ބާރުގެ ދަށުގައި ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނީލް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހަމްބަންޓޯޓާ ކޮންޓްރޯލް ކުރަމުންދަނީ ޗައިނާއިންކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިންޑިއާ ފަދަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ތާޑް އޭޝިއާ ޔޫރަޕް ޕޮލިޓިކަލް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ، ސްރީލަންކާއަކީ ހުރިހާ ގައުމަކާވެސް ރަހުމަތްތެރި ގުޅުމެއް ދަމަހައްޓަމުން އަންނަ ގައުމެއް ކަމަށާ، ބައިނަލްއަގުވާމީ ގޮތުން އަންނަ ބަދަލުތައްވެސް އެގައުމަށް ފުރިހަމައަށް ފަހުމްވާކަމަށެވެ.

އިންޑިއާއަކީ ސްރީލަންކާގެ ޒަމާންވީ އެކުވެރިއެއް ކަމަށާ، ޖަޕާނާއެކު އޮންނަނީ އެންމެ ފުރިހަމަ ގުޅުމެއް ކަމަށާ، ސްރީލަންކާ އަކީ އެންމެ ފުރަތަމަ ޗައިނާ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާ، ސްރީލަންކާއަކީ ވަކި ބައެއްގެ މެދުގައި އޮތް ވާދަވެރިކަމުގެ އޮއެވަރުގައި ޖެހިގެންދާނެ ގައުމެއް ނޫންކަމަށްވެސް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ހަމްބަންޓޯޓާއަކީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައިވާތަނެއްކަމަށާ، އެތަނުގައި އަސްކަރީ ބޭހެއް ގާއިމުކޮށްފައިވާކަމަށް ގިނަ ބަޔަކު ވަކަލާތު ކުރަމުންދިޔަ ނަމަވެސް އެތަނުގައި އޮތް އަސްކަރީ ބޭހަކީ ސްރީލަންކާގެ އަސްކަރިއްޔާގެ މަރުކަޒެއް ކަމަށްވެސް ރަނީލް ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ސާފުކޮށްދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގައި އަސްކަރީ ހަނގުރާމައެއް ނުފެށުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމުގައިވެސް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.