އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އިން 75 ވައުދަކާއެކު އެ ޕާޓީގެ މެނިފެސްޓޯ އާންމުކޮށްފިއެވެ.

ކުރިއަށް އޮތް އާންމު އިންތިހާބާ ދިމާކޮށް ބީޖޭޕީއިން އާންމުކުރި މެނިފެސްޓޯގައި ކަޝްމީރާ ގުޅުންހުރި ގިނަ ހައްގުތަކެއްގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބީޖޭޕީއަކީ ކަޝްމީރުގައި ތަންފީޒުކުރަމުންދާ ހާއްސަ ގާނޫނު އުވާލުމަށްފަހު މުޅި އިންޑިއާއަށް އާންމު ގާނޫނު އަސާސީއެއް ތަންފީޒުކުރުމަށް ތަކުރާރުކޮށް ވަކާލާތު ކުރަމުންދާ ޕާޓީއެކެވެ. ކަޝްމީރުގައި މިހާރު އޮންނަ ވަކި ގާނޫނު ބުނާ ގޮތުން ކަޝްމީރުގެ ރަށްވެހިން ނޫން މީހުންނަށް އެ ސަރަހައްދުން ބިމެއް ނުގަނެވެއެވެ. މިފަދަ ގާނޫނުތަކެއް ހަމަޖެހިފައި އޮތުމަކީ، މުޅި އިންޑިއާ އެއްގައުމެއްގެ ގޮތުގައި އެކުވުމަށް އެޅިގެންދާ ހުރަހެއްކަމަށް ބީޖޭޕީއިން ސިފަކުރެއެވެ.

ކަންމިހެންއޮތްއިރު ކަޝްމީރުން ބުނަމުންދަނީ އެ ސަރަހައްދުގައި އޮތް ހާއްސަ ގާނޫނު އުވާލައިފިނަމަ ސަރަހައްދީ ފެންވަރުގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެދިގެންދާނެކަމަށެވެ.

ބީޖޭޕީގެ އިންތިހާބީ މެނިފެސްޓޯ އާންމުކުރުމަށް، ވެރިރަށް ދިއްލީގައި ހުންނަ ބީޖޭޕީގެ މައި ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ބީޖޭޕީ ހިތްވަރު ހޯދަނީ ގައުމިއްޔަތުގެ ރޫހުންކަމަށެވެ.

އޭޕްރިލް 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމުގެ ހަރަކާތަކީ ދުނިޔޭގެ ފެންވަރުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ. ގާތްގަނޑަކަށް 900 މިލިއަނެއްހާ މީހުންނަށް ވޯޓިދިނުމުގެ ހައްގު ލިބިފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން، ގާތްގަނޑަކަށް މިލިއަނެއްހާ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.