ގެވެށި އަނިޔާގެ ޝިކާރައަކަށް ވެގެން ނިޔާވެފައިވާ ޒިޔާދާގެ ފިރިމީހާގެ މަައްޗަށް އުފުލުނު ހަތަރު ދައުވާ ސާބިތުނުވުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފާހަގަ ކުރެވުނު ކަންކަމާ ގުޅޭ އިސްތިއުނާފު މިއަދު ކޯޓަށް ހުށަހަޅައިފިއެވެ.

ގދ.ތިނަދޫ، ޒިޔާދާ ނައީމް މަރުވި މައްސަލައިގައި އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިިންމި ނިންމުމަކީ ރަނގަޅު ނޫން ކަމަށް ބުނެ ޕީޖީ އޮފީހުން ބަޔާނެއް ނެރެފައިވެއެވެ. މި ބަޔާުގައި އެ އޮފީހުން ވަނީ އެ އޮފީހަށް ފާހަގަ ކުރެވުނު ކަންތައް ފަހަގކޮށް، އެކަންތައް އާންމުކޮށްފައެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން މި ދައުވާތަކުގެ އުންސުރުތައް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭނެ ހެކި ގަރީނާ ޝަރީއަތަށް ހުށަހެޅުނެވެ. އަދި އެ ހެކި ގަރީނާތަކަށް އެކަށީގެންވާ ބުރަދަން ޝަރީއަތުން ދެއްވާފައިވާކަމަށް ގަބޫލު ނުކުރާކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ. ކަން މިހެން ހިނގުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޝާހުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާއާއި، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލު އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

2015 ވަނަ އަހަރު ޑިސެންބަރު މަހު ޒިޔާދާ ނިޔާވެފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް އޭނާގެ ޕޯސްޓް މޯޓެމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ. ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާ އަކީ އޭނަގެ ފިރިމީހާ ޝާހު، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެެކެވެ.