އެމެރިކާގެ ސަރަހައްދީ އިމުގެ ސަލާމަތްތެރިކަމާ ގުޅިގެން ރައީސް ޑޮނާލްޑް ޓްރަމްޕް އެކުލަވާލެއްވި ހަރުކަށި ބައެއް ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެމެރިކާގެ ދާހިލީ ސަލާމަތްތެރިކަމާ ބެހޭ ވަޒީރު ކްރިސްޗެން ނީލްސަން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވި ނަމަވެސް، ދާހިލީ ސަލާމާތާ ބެހޭ ވަޒީރުގެ ގޮތުގައި ކުރެއްވި ހިދުމަތަކީ މުޅި އުމުރުދުވަހަށް ލިބިވަޑައިގެންނެވި ފަހްރެއް ކަމުގައި ނީލްސަން ވަނީ ސިފަކުރައްވާފައެވެ.

ނީލްސަންގެ އިސްތިއުފާއާއިއެކު، އެމެރިކާގެ ދާހިލީ ސަލާމަތާ ބެހޭ ވަޒީރު ކަމުގެ މަގާމަށް، ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން ކޮމިޝަނާ ކެވިން މެކްއެލީނަން، ވަގުތީ ގޮތުން ހަމަޖައްސަވާފައިވާކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޓުވީޓެއް ކުރައްވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއް ނީލްސަން ހާމަކުރައްވާފައި ނުވި ނަމަވެސް، މިއީ މަގާމުން ދުރަށްޖެހިވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ކަމަށާ، މިވަގުތު އެމެރިކާގެ ދާހިލީ ސަލާމަތްތެރިކަން އޮތީ އެ ހިދުމަތާ އޭނާ ގުޅިވަޑައިގަތް އިރާ އަޅާ ބަލާއިރު ރައްކާތެރި ކުރެވިފައި ކަމަށް ނީލްސަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދާހިލީ ސަލާމަތްތެރިކަމާ ބެހޭ ވަޒީރުގެ މަގާމުން ނީލްސަން އިސްތިއުފާދެއްވާފައި މިވަނީ، އެމެރިކާގެ ދެކުނު ބޯޑަރު ސަރަހައްދަށް ދާދި ފަހުން ޓްރަމްޕް ޒިޔާރަތްކުރައްވާފައިވަނިކޮށެވެ. އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިން ހިނދުން ހިނދަށް ބަންދުކުރައްވާނެ ކަމަށް އިންޒާރު ކުރައްވަމުން ގެންދެވި ޓްރަމްޕް ވަނީ، މެކްސިކޯއާއި އެމެރިކާގެ ސަރަހައްދީ އިން ހުރަސްކޮށް ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމަށާ، ސަރަހައްދީ އިން ހުރަސްކޮށް އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ މަގުތައް ބަންދުކުރުމަށް އަހަރު ދުވަހުގެ މުހުލަތެއް މެކްސިކޯއަށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.