އީރާނު އަސްކަރިއްޔާގެ މަތީ ފަންތީގެ ގޮތްޕެއްކަމަށްވާ ރިވަލޫޝަނަރީ ގާޑްސް ކޯޕްސްއަކީ ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅުމަށް އެމެރިކާއިން މަސައްކަތް ފަށައިފިއެވެ.

މިއީ ގައުމެއްގެ އަސްކަރިއްޔާއަށް ޓެރަރިސްޓުންގެ ނަން އެމެރިކާއިން ދޭ ފުރަތަމަ ފަހަރި ކަމަށް އެމެރިކާގެ 3 އޮފިޝަލަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

އަހަރުތަކެއް ވަންދެން ތުންތުން މަތިން މިވާހަކަ ދެކެވެމުން އައިސްފައިވީ ނަމަވެސް، ރަސްމީކޮށް މިކަން އިއުލާން ކުރާނީ ކުރިއަށް އޮތް ހަފުތާ ތެރޭގައި ކަމަށް ބެލެވެއެވެ.

އެމެރިކާއިން މިފަދަ ނިންމުމެއް ނިންމުމަކީ، އެމެރިކާއާއި އެމެރިކާގެ އަސްކަރިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ހަތުރުވެރި ގައުމުތަކުން ލިސްޓުކުރުމަށް ފުރުސަތު ހުޅުވާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު މިހާރު ވަނީ އެމެރިކާއަށް ފާޑުކިއަން ފަށާފައެވެ.

އީރާނުގެ އަސްކަރިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން އިންކާރުކޮށްފައިވާއިރު، އެކަމާ ގުޅިގެން ހާރިޖިއްޔާއާއި ސުވާލު ކުރުމަށްވެސް ދިފާއި ވުޒާރާއިންވަނީ އަންގާފައެވެ. ނަމަވެސް ހާރިޖިއްޔާއާއި ވައިޓް ހައުސްއިންވެސް ވަނީ މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އިންކާރުކޮށްފައެވެ.

އެމެރިކާއިން މިކަން އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ، ބައިނަލްއަގުވާމީ ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކިވިތާ 1 އަހަރު ފުރޭ ދަނޑިވަޅުވެސްމެއެވެ.