2015 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ކުޑަކުދިންގެ އަދަދު 6000 އަށް އަރާކަމަށް، ޕަލަސްޓީނިއަން ޕްރިޒަނާޒް އެސޯސިއޭޝަންއިން ބުނެފިއެވެ.

ފަލަސްޠީނުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ޕަލަސްޓީނިއަން ޕްރިޒަނާޒް އެސޯސިއޭޝަންއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ "އިސްރާއީލުން ހައްޔަރުކޮށްފައިވާ ކުދިންގެ %98 ކުދިންނަކީ ޖިސްމާނީ އަދި/ނުވަތަ ނަފްސާނީ އަނިޔާތަކަށް ހުށަހެޅިފައިވާ ކުދިންކަމަށެވެ.

ފަލަސްޠީނުގެ ގައިދީންގެ ހައްގުގައި ވަކާލާތު ކުރަމުން އަންނަ އެން.ޖީ.އޯއެއް ކަމަށްވާ ޕަލަސްޓީނިއަން ޕްރިޒަނާޒް އެސޯސިއޭޝަންއިން ބުނާ ގޮތުގައި، އިސްރާއިލުން ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ކުދިންނަކީ ހައްޔަރުކުރުމުގެ ކުރިން އިސްރާއީލު އަސްކަރިއްޔާއިން އެކުދިންގެ ހަށިގަނޑަށް ބަޑިޖަހާ ޒަހަމްކޮށްފައިވާ ކުދިންނެވެ.

ގައިދީންގެ ކަންކަމާ ބެހޭ ފަލަސްޠީނުގެ ރަސްމީ ކޮމިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި މިވަގުތު ތިބި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 5700 އަށް އަރައެވެ. މީގެ ތެރޭގައި 250 ކުޑަކުދިންނާ 48 އަންހެނަކު ހިމެނެއެވެ.