ބަންގްލަދޭޝްގެ ކުޑަކުދިންގެ އާބާދީއަށް ބަލާއިރު ކޮންމެ 3 ކުއްޖަކުން 1 އަކީ ތޫފާންތަކާ، ފެންބޮޑުވުމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިފައިވާ ކާރިސާތަކުގެ ނުރައްކަލުގައި ދިރިއުޅެން ޖެހިފައިވާ ކުއްޖެއް ކަމަށް އދިން ބުނެފިއެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާ ޔުނިސެފުން ބުނީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ 19 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ބަންގްލަދޭޝްގައި އެބަތިބިކަމަށެވެ.
ޔުނިސެފުން ހުކުރު ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށް ބަންގްލަދޭޝްއިން އެދެވޭ މަސައްކަތްތަކެއް ކޮށްފައި ވީ ނަމަވެސް، ގުދުރަތީ ގޮތުން ގައުމު އުފެދިފައި އޮތް ގޮތުންނާ، އާބާދީ އިތުރުވުމާ، އިމާރާތްތައް ބަލިކަށިވެފައި ހުރުމުގެ ސަބަބުން ކާރިސާތަކުގެ ނުރައްކާ އަދިވެސް އެގައުމަށް އެބައޮތް ކަމަށެވެ.
160 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ އާބާދީގެ %40 ހިއްސާކުރަނީ ކުޑަކުދިންނެވެ. މީގެ ތެރޭގައި، މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށް ދެރަ ފަންތީގެ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ކުޑަކުދިންވެސް ހިމެނޭ ކަމަށް ޔުނިސެފުން ބުނެއެވެ.
ޔުނިސެފްގެ ރިޕޯޓް ބުނާ ގޮތުގައި 12 މިލިއަނެއްހާ ކުދިންނަކީ ފެންބޮޑުވުމުގެ ކާރިސާތަކުގެ ނުރައްކަލުގައި ދިރިއުޅެންޖެހިފައިވާ ކުދިންނެވެ. އެހެނީ ބިންތިރި ބަންގްލަދޭޝްގެ ރަށު ތެރެއިން ކޯރުތައް ދެމި ފައިވާއިރު، އެ ކޯރުތައް ފުރިގެން ބަނޑުންވުމަކީ އާންމު، އެހެންނަމަވެސް ނުރައްކާތެރި ކާރިސާއަކަށްވާކެމެވެ.
ކާރިސާތަކުން ސަލާމަތްވުމަށްޓަކައި ފަގީރު އާއިލާތަކަށް މަޖުބޫރުވަނީ ވެރިރަށް ޑާކާގެ އެކި ހިސާބުތަކަށް ދިރިއުޅުން ބަދަލުކޮށް އަލުން ބަލުން ދިރިއުޅުން އާރާސްތުކުރާށެވެ. ނަމަވެސް، ޅަ އުމުރެއްގައި މަސައްކަތުގެ މާހައުލަށް ނިކުތުމަށް ނުވަތަ ކައިވެނި ކުރުމަށް މި އާއިލާތަކުގެ ކުދިންނަށް މަޖުބޫރުވެއެވެ.
ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސްއާއި ތައުލީމުން މަހްރޫމުވެ، މަސައްކަތު އަޅުންގެ ގޮތުގައި ބޮޑުވާންޖެހުމަކީ ގައުމުގެ ތަރައްގީއަށް ބޭނުންވާ ފަރުދުންތަކެއް ނެތިކޮށްލެވުން ކަމުގައި ޔުނިސެފުން ވަނީ ސިފަކޮށްފައެވެ.