157 މީހުންނާއެކު އިތިއޮޕިއާއިން ފުރައިގެން ކެންޏާއަށް ދަތުރުކުރަމުންދިޔަ އީޓީ 302 ވެއްޓުނީ، ޕަލެޓަށް ބޯޓުގެ ގެއްލިގެން ކަމަށް އިތިއޮޕިއާގެ ޓްރާންސްޕޯޓް މިނިސްޓާ ޑެގްމަވީޓް މޯގޭޒް ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ހިނގި މިހާދިސާގެ ތަހުގީގީ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާއިރު، މި ރިޕޯޓް ބުނާ ގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން، ބޯޓުގެ ކުރީކޮޅު ބިމާ ދިމާލަށް ތަކުރާރުކޮށް ތިރިއަށް ވާ ގޮތަށް މިސްރާބު ޖެހި ކަމަށާ އެކަމުގެ ސަބަބުން ބޯޓު ވެއްޓުނަ ނުދީ ކޮންޓްރޯލް ކުރެވޭތީ ޕައިލެޓް ވަނީ ވަރަށް މަސައްކަތްކޮށްފައެވެ.
ބޮއިންގް 737 މެކްސް މަރުގެ މަތިންދާ ބޯޓުގެ ކޮންޓްރޯލް ގެއްލުނު ކަމުގެ ވާހަކަތައް ފެންމަތިވެފައިވާއިރު، ބޮއިންގް ކުންފުނިން ފުރަތަމަ ފަހަރަށް ވަނީ އެ ކުންފުނީގެ ކުށެއް މިކަމުގައި އޮތް ކަމަށް އިއުތިރާފުވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ހަމަ މި މަރުކާގެ މަތިންދާބޯޓެއް މިފަދަ ގޮތަކަށް ޖާވާ ކަނޑަށް ވެއްޓި، އެ ބޯޓުން ދަތުރުކުރި 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތިއޮޕިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ، ބޯޓު ކޮންޓްރޯލް ކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް ތަކުރާރުކޮށް ޕައިލެޓް ފުރިހަމަ ކުރަމުންދިޔަ ކަމަށާ، ބޯޓު އުފެއްދި ފަރާތުން ފޯރުކޮށްދިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް ޕައިލެޓަށް ބޯޓުގެ ކޮންޓްރޯލް ލިބިފައި ނުވާކަމަށެވެ.
ތަހުގީގީ ވަގުތީ ރިޕޯޓް ބުނާ ގޮތުން ބޯޓުގެ ކުރޫއިން އަމަލުކޮށްފައިވަނީ ކަމާ ބެހޭ ފަރާތްތަކުން ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެންމެ ފުރިހަމައަށެވެ. ހަމަ މިއާއެކު، ބޮއިންގް ކުންފުނީގެ މަތިންދާބޯޓުތަކުގެ ކޮންޓްރޯލް ސިސްޓަމް މުރާޖައާ ކުރުމަށް މި ރިޕޯޓުންވަނީ ބޮއިންގް ކުންފުންޏަށް ގޮވާލާފައެވެ.
މިމައްސަލައަށް ހައްލެއް ހޯދި ސަލާމަތްތެރިކަން ކަށަވުރެކުރެވެންދެން ބޮއިންގް މެކްސް މޮޑެލްގެ ހުރިހާ މަތިންދާބޯޓެއް މިހާރު ވަނީ ގްރައުންޑްކޮށްފައެވެ.