ނިއުޒީލަންޑްގެ ކްރިސްޓްޗާޗްގެ 2 މިސްކިތަކަށް މާޗް 15 ވަނަ ދުވަހު ބަޑިން ހަމަލާދީ 50 މީހުން މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެންޓޮން ޓެރަންޓްގެ މައްޗަށް، ނަފްސާނީ ދުޅަހެޔޮކަން ވަޒަން ކުރުމުގެ ޓެސްޓުތައް ހެދުމަށް އަމުރުކޮށްފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކެމެރަން މޭންޑާ ވިދާޅުވީ، މި ޓެސްޓުތަކަކީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގެ ނަފްސާނީ ގާބީލުކަން ޓެރަންޓްގެ ކިބައިގައި ހުރިތޯ ނުވަތަ އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއްތޯ ބެލުމަށް ހަދާ ޓެސްޓުތަކެއް ކަމަށެވެ.

ގަސްތުގައި މީހަކު މެރި ކަމުގެ 50 ދައުވާގެ އިތުރުން، ގަސްތުގައި މީހަކު މަރަން މަސައްކަތްކުރި ކަމުގެ 39 ދައުވާއެއް، އުމުރުން 28 އަހަރުގެ ޓެރަންޓްގެ މައްޗަށް ވަނީ އުފުލާފައެވެ.

ޓެރަންޓާ ދެކޮޅަށް ކުރިއަށްދާ ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުވީ، ޖަލުގައި ހުރެ، ވީޑިއޯ-ލިންކް މެދުވެރިކޮށެވެ. ކްރިސްޓްޗާޗް ހަމަލާގައި މަރުވެދިޔަ ގިނަ ބައެއްގެ އާއިލާތަކުންވަނީ ޝަރީއަތް އަޑުއެހުމަށް ކޯޓަށް ހާޒިރުވެފައެވެ.

ޝަރީއަތުގެ މަޖިލީހައިގެން ފަނޑިޔާރު މޭންޑާ ކުރިއަށް ވަޑައިގެންނެވިއިރު ޓެރަންޓް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ޓެރަންޓްވަނީ، ދައުލަތުން އޭނާއަށް ހަމަޖައްސާދިން ވަކީލުގެ އެހީ ބޭނުން ނުވާކަމަށާ، ކޯޓުގައި އޭނާ ތަމްސީލުކުރާ އަމިއްލައަށް ކަމަށް ބުނެފައެވެ.

ޝަރިއަތް ކުރިއަށްދަންދެން ޓެރަންޓް ޖަލުގައި ބެހެއްޓުމަށް ފަނޑިޔާރު މޭންޑާ އަމުރުކުރައްވާފައިވާއިރު، މިމައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ ޖޫން 14 ވަނަ ދުވަހުއެވެ.