ބޯކޮށްވާރެވެހި ފެންބޮޑުވުމުގެ ސަބަބުން އީރާނުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ބޭނުންވާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅެމުން ދާކަމަށާ، މިއީ މާޒީގައިވެސް ނުހިނގާ ފަދަ ޖީނާއީ ޖަރީމާއެއް ކަމަށެވެ.

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ނުކުރާހާ ގަދައަށް އީރާނަށް ކުރަމުންދާ ވިއްސާރާގައި ފާއިތުވީ ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. 70 ވަރަކަށް އަވަށަކުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޯރުތައް ފުރިގެން ބަންޑުންވުމުގެ ބިރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުގެ ޑޭމްތައް ވަނީ ގާތްގަނޑަށް %95 ފުރިފައެވެ.

ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިގެން އުޅޭ ސަރަހައްދުތަކުގައި މުވާސަލާތީ ހިދުމަތާ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، މަގުތައްވެސް ވަނީ އަޑިއަށް ގޮސްފައިކަމުން، ގިނަ ބަޔަކު ތިބީ ގެތަކާއި އިމާރާތްތަކުގެ ފުރާޅުތައް މަތީގައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ރައީސް ރޫހާނީ ވަނީ ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެއްލުންވި އާއިލާތަކަށް ބަދަލު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.