20 އަހަރު ދުވަހުގެ ވެރިކަމަކަށްފަހު ކުށްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒު ބޫތުފްލިޤާ، އެ ގައުމުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.

ބޫތުފްލިޤާގެ ވެރިކަމާ ދެކޮޅަށް އަލްޖަޒާއިރުގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ އިތުރުން އަސްކަރިއްޔާގެ ތާއީދުވެސް ގެއްލުމާ ގުޅިގެން ކުށްލި ގޮތަކަށް ރިޔާސަތު ދޫކޮށްލެއްވި، އުމުރުފުޅުން 82 އަހަރުގެ ބޫތުފްލިޤާ، އަލްޖަޒާއިރުގެ ރައްޔިތުންނަށް ފޮނުއްވި ވަދާއީ ސަލާމުގެ ސިޓީފުޅުގައި، ވިދާޅުވީ ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ބިރާ ހިތާމާއެއް ނެތި ސިޔާސީ މައިދާން ދޫކުރައްވާ ހަވާސާއަށް ޖެހިވަޑައިގަންނަވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށާ، ވެރިއެއްގެ ހައިސިއްޔަތުން ގައުމު ފެއިލްކޮށްލެއްވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ބޫތުފްލިޤާގެ ވަދާއީ ސިޓީފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަލްޖަޒާއިރުގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ ބޫތުފްލިޤާގެ އިސްތިއުފާގެ ސިޓީ ގަބޫލުކުރައްވާފައެވެ. މިއާއެކު އަލްޖަޒާއިރުގެ ރިޔާސަތު ހުސްވެފައިވާކަން ކަށަވަރުވީއެވެ.

އަލްޖަޒާއިރުގެ ގާނޫނު ބުނާ ގޮތުން އެގައުމުގެ ވަގުތީ ރައީސްކަމުގެ މަގާމުގައި ދެން ހުންނަވާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްއެވެ. އެއީ އުމުރުފުޅުން 77 އަހަރުގެ ޢަބްދުލްޤާދިރު ބިން ޞަލާހުއެވެ. 90 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް އިންތިޒާމުކުރުމުގެ މުހުލަތެއް ވަގުތީ ރައީސަށް ލިބިވަޑައިގަންނަވާނެއެވެ.

ކަންމިހެންއޮތް ނަމަވެސް، އަލްޖަޒާއިރުގެ މަދަނީ ޖަމިއްޔާތަކުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޫތުފްލިޤާގެ އިސްތިއުފާއަކީ ފުރަތަމަ މަރުހަލާ ކަމަށާ، ޑިމޮކްރަޓިކް ބަދަލަކަށް ގޮވާލާ ބޮޑު މުޒާހަރާއެއް ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށެވެ.