އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން (ބްރެގްޒިޓް)، އެއްބަސްވުމަކާ އެކު ތަންފީޒުކުރަން އޮތް މުހުލަތު ފަސްކުރުމަށް 1 ވޯޓުގެ ތަފާތަކުން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަންޖެހޭ ސުންގަޑި އޭޕްރިލް 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، މި މުހުލަތު އިތުރުކުރުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް ބޮޑުވަޒީރު ތެރޭސާ މޭ އަށް ބާރުއެޅުއްވުމަށް ހައުސް އޮފް ކޮމަންސްއިން 313 ވޯޓު ދީފައިވާއިރު، މިކަމާ ދެކޮޅަށް ދީފައިވަނީ 312 ވޯޓެވެ.
ބްރެގްޒިޓް ތަންފީޒު ކުރުން ފަސްކުރުމަށް މޭއަށް މަޖުބޫރުކުރާ މި ބިލް، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސްއިން އަދި ފާސްކުރަންޖެހޭއިރު، ވިލާތުގެ އިއްތިހާދުންވެސް މިކަމަށް އެއްބަސްވާންޖެހެއެވެ.
އެއްވެސް ކަހަލަ އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމަކީ އިގުތިސޯދީ ގޮތުންނާ އެނޫންވެސް ގޮތްގޮތުން ބޮޑު ހާޖާނުގަނޑެއް އުފައްދާނެ ކަމަކަށްވާއިރު، ބްރެގްޒިޓް ތަންފީޒު ކުރާ ސުންގަނޑިއަކީ އޭޕްރިލް 12 ކަމުގައި މިވަގުތު ހަމަޖައްސާފައި އޮތް އޮތުމަކީވެސް މުހުލަތު އިތުރުކޮށްދީފައިވާ ސުންގަޑިއެކެވެ.
ބްރެގްޒިޓްގެ މައްސަލާގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހާ ބޮޑުވަޒީރަށް އެއްގަލަކަށް އަރާވަޑައިގެންނެވިފައިނުވާއިރު، މޭ ވަނީ ގައުމަށް ހައްލު ބޭނުންވާ ކަމަށާ، ހައްލު ހައްގުވާކަމަށް ގޮވާލައްވާފައެވެ.
ކަންމިހެންއޮތްއިރު، މިމައްސަލައާއި ގުޅިގެން ވިލާތުގެ އިއްތިހާދުގެ ލީޑަރުންގެ ކުށްލި ބައްދަލުވުމެއް އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް، ބްރެގްޒިޓްގެ މައްސަލާގައި މޭއަށް އިތުރު ފުރުސަތު ދެއްވާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި ވިލާތުގެ ލީޑަރުންގެ މެދުގައިވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.