ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން، ނޭވާ ހައްޓަށް ނުފެތިގެން އުޅުއްވަން ޖެހިވަޑައިގަންނަވަނީ ސިޔާސީ ކަންކަމާ އަދިވެސް އުޅުއްވާތީ ކަމަށާ މިކަމާ (ސިޔާސީ) ކަންކަމާ ނޫޅުއްވާ މަޑުން ހުންނެވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މައްޗަންގޮޅި ދާއިރާތަކަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 'މިހާރު މިޔުޒިކު ނިމިއްޖެ ކަމަށާ ރައީސް ޔާމީނު ދެން އިށީނދެ ވަޑައިގަންނަވަން' ވީ ކަމަށެވެ.
"މާ ގަޓު ހެއްދެވިގެން ފުރަތަމަ ގެންގޮސް ގޮޅިއަށްލީ އެއްބަންޑު ބޭބޭފުޅު، ދެން ކޮށްކޯފުޅު، އަދި ހުރިހާ ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރީ، މީ ގަޓޯ!" ހަމަ ނޭވާ ލެއްވޭނީ މަޖިލީސް ލިބިގެން ކަމަށް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް ފާޑު ކިޔުއްވަމުން ނަޝީދު ވިދާޅުވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނު މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ މުށްފުޅަށް ހުރިހާ ބާރެއް ޖަމާ ކުރައްވައިގެން ރައްޔިތުން ބިރު ގަންނަވައިގެން ވެރިކަން ކުރެއްވުމަށް ކަމަށެވެ.
ރައީސް ޔާމީނަށް ތާއީދު ނެތްކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ ވެރިކަމުގެ އާރާ ބާރުގައި ހުންނަވައިގެން އިންތިހާބަށް ވަޑައިގަތުމުން ވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެޖޯރިޓީ ނަންގަވާފައި ކަމަށެވެ. އެހެން ކަމުން [މިކަމާ] ނޫޅުއްވާ މަޑުން ހުންނެވުމަށް ނަޝީދު، ޔާމީނަށް ގޮވާލައްވަމުން އެމްޑީޕީގެ އެޖެންޑާ 19 ކާމިޔާބު ކުރުމަށްޓަކައި އެޕާޓީން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ނަޝީދު ވަނީ، މަޖިލީހަށް ވަންނަ މީހާ ޖީބަށް ގަލަމު ދޯރި ޖަހައިގެން ވަދެ، މަޖިލީހުގެ ދައުރު ނިންމާ އިރު އަތުގައި ނެތް އެއްޗެއް ނޯންނަ ކަމަށް ވިދާޅުވެ ތަކުރާރު ކުރައްވާ މިސާލު މިރޭވެސް ތަކުރާރު ކުރައްވާފައެވެ.
މީނަޔާއި ޔާމީނާއި އެއްވެސް ތަފާތެއް ނެތް
އެމްޑީޕީއަށް ގެއްލުން ވިއްޔާ ވީ މީނަގެ އަނގަ ގަދަކަމުން. ބައެއް ފަހަރު ހިތައް އާރާ މައިކު އަނގައަށް ޖަހާ މައިތިރިކޮށްލަން ވީއޭވެސް.
ދޫ ދިގުކޮށް އިލްމު ވެރިންނާ ނުބެހޭ އަބުރަހާ ހެދިގެން.....
މިއީ ބޯހަމަ ނުޖެހޭކުއްޖެއް ކަންނޭނގެ. ތިހެން ބޮޑު މޮޅުބަސް ހަރުއަޑުން ޕޯޑިއަމްތަކުގައި ބުނެ ބުނެ ހުއްޓާ ވެރިކަމުން ވެއްޓުނީ. ސަލާމް.