ފަންސާސް ގުނަ ހަތަރެއް ޖަހާ މީހުންނާ އެކު ކޯލިޝަން ހެދުމުން ޖުމްހޫރީ ޕާޓީގެ އަގު ވެއްޓޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނ.މަނަދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއާ ގުޅިގެން އުފެއްދި ކޯލިޝަނަށް ފާޑުވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ ޖޭޕީ އަށް ކަނޑުފޭރޭ ބަޔަކު އަރައިގެންފައިވާ ކަމަށާއި މި ވާހަކަތައް މިގޮތަށް ދެއްކެވުމުން ޕާޓީގެ ބައެއް މެންބަރުންނަށް އެކަން ސިފަވާނީ ޕާޓީގެ އަގުވައްޓާލައްވަން އުޅުއްވާ ކަމުގައެވެ.
"ޕާޓީގެ އަގު މާބޮޑަށް ވެއްޓޭ އިނގޭތޯ ފަންސާސް ގުނަ ހަތަރެއް ޖަހާ މީހުންނާ އެކު ކޯލިޝަން ހަދާ ވައްތަރަށް ދިޔައީމަ. މާބޮޑަށް އަގު ވެއްޓޭ" އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ހިސާބު ޖެއްސެވުމަށް އިޝާރާތް ކުރައްވާ ފާޑުވިދާޅުވަމުންނެވެ.
މިއަދު އެމްޑީޕީ ފިޔަވައި އެންމެ ކިޔަވައިގެން ތިބި އަދި ނައިބު ރައީސްކަމާއި ވަޒީރުކަމާއި މަޖިލިސް މެމްބަރުކަމާއި ޑޮކްޓަރު ކަމާއި ނަރުހުންނާއި އަދި ހުރިހާ ވައްތަރެއްގެ ފާސްތަކެއް އޮތް މީހުން އުޅޭ ޕާޓީއަކީ ޖޭޕީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް، އެ ޕާޓީގެ ވިސްނުން އެހެން ދިމާލަކަށް ދާއިރު ހައްގު ބަސް އެ ފަރާތްތަކުން ނުބުނުމަކީ ޕާޓީގެ އަގު ވެއްޓޭ ކަމެއް ކަމަށްވެސް އަލީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮނޑާއި ކޮނޑު ޖައްސައިގެން، އަތާއި އަތް ގުޅުވާލައިގެން ނިކުތީ ހެޔޮ ބަދަލެއް، އެޓްލީސްޓް މި ފަސް އަހަރު ތިބެން. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ވައުދަކީ. ދެ އަހަރު ބައިން ސަރުކާރު ބަދަލުކުރާ ހިޔާލާއި ފިކުރު ގެންނާކަށް އެއްބަހެއް ނޫން. އެކަމެއް ނުކުރެވޭނެ މިފަހަރަކު" އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ވަހީދު ވަނީ މި ފަސް އަހަރު ސާބިތުކަމާއި އިހްލާސްތެރިކަމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި ހުންނަވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މަސްހުނި ރަސްގެފާނު ވެސް ވެއްޓޭނެ އައްޔާ