ކުޑަކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން ދުއްވި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމަށާއި މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ސައިކަލު ދުއްވި ފުލުސް މީހާގެ ލައިސެންސް ހިފެހެއްޓުމަށް ޓްރެފިކް ފުލުހުން ދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ކުޑަ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލު ކުރި މައްސަލަ ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަނީ، މާލޭގެ ރިންގް ރޯޑުން ސައިކަލުގައި ދާ މީހަކު އޭނާގެ ސައިކަލުގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާ މަންޒަރެވެ. އެ ވީޑީއޯއިން ފެންނަ ފެނުމަށް އެއީ ދޮޅު އަހަރު ނޫނީ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވަށިގަނޑުގައި ބައިންދާފައި އިނީ އެއްވެސް ރައްކާތެރި ކަމެއް ނެތި ނުރައްކަލަށް ހުށަހެޅޭ ގޮތަށެވެ. އަދި ސައިކަލުގެ ކުރީ ލައިޓްވެސް ހުރީ ސީދާ އެ ކުޑަކުއްޖާގެ ލޮލަށް އެޅޭ ގޮތަށެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ހަދާފައިވާ ގަވާއިދު ތަކުން މިއީ ސީދާ މަނާ ކަމެކެވެ. އަދި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގޮތުން ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާވެސް ފުށޫ އަރާ ކަމެކެވެ.
ކުޑަކުދިންނަށް އަދި މީހުންނަށް ނުރައްކާވާ ގޮތަށް ވެހިކަލް ދުއްވުން ކުށްވެރިކުރާ ކަމަށާއި މިފަދައިން އަމަލު ކުރާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަަށް ހުރިހާ ފަރާތްތަކުންވެސް އިހްތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ.