މިދިޔަ މަހުގެ ފަހުކޮޅު ތުރުކީވިލާތުގައި ކުރިއަށް ގެންދިޔަ އެގައުމުގެ ލޯކަލް އިންތިހާބުގެ ނަތީޖާއަށް، ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންގެ އޭކޭ ޕާޓީއިން ގޮންޖަހައިފިއެވެ.

ވެރިރަށް އަންކާރާގެ އިތުރުން އިސްތަންބޫލްގެ ހުރިހާ ޑިސްޓްރިކްޓެއްގެ ނަތިޖާގައި މައްސަލަ އުޅޭ ކަމަށް އޭކޭޕީއިންވަނީ ތުހުމަތުކޮށްފައެވެ.

ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ތުރުކީވިލާތުގެ ލޯކަލް އިންތިހާބުގައި ކުރި ހޯދަމުންދަނީ އިދިކޮޅު، ސެކިއުލަރިސްޓް ފިކުރުގެ ސީއެޗްޕީއިންނެވެ.

ތުރުކީވިލާތުގެ އިންތިހާބީ ތާރީހަށް ބަލާއިރު، އިންތިހާބުގެ ނަތީޖާއަށް، އިދިކޮޅު ފަރާތަކުން ކާމިޔާބު ކަމާއެކު ގޮންޖެހިފައެއް ނެތެވެ.

މުޅި ގައުމުގެ ނަތީޖާއަށް ބަލާއިރު ލޯކަލް އިންތިހާބުގެ %51.6 ގެން ގޮސްފައިވަނީ އޭކޭޕީއިން ނަމަވެސް އަންކާރާއާ އިސްތަންބޫލް ފަދަ ބޮޑެތި ސިޓީތަކުން އުރުދުޣާންއަށް ކުރި ނުލިބުމަކީ ވަރުގަދަ މެސެޖެއް ކަމަށް ސިޔާސީ މުރާސިލުން ދަނީ ބުނަމުންނެވެ.

އިގުތިސޯދީ އަނދަވަޅެއްގައި ގައުމު އޮއްވާ ކުރިއަށް މި ގެންދިޔަ އިންތިހާބަކީ، ތުރުކީވިލާތުގައި 16 އަހަރު ދުވަހު ދެމި ހުންނެވި އުރުދުޣާންއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިމްތިހާނެއް ކަމަށްވެސް މުރާސުލުން ވަނީ ސިފަކޮށްފައެވެ.

ތުރުކީވިލާތުގެ ލޯކަލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 57 މިލިއަނަށްވުރެ ގިނަ މީހުން ތިބިއިރު، މާޗް 31 ވަނަ ދުވަހުގެ ވޯޓުގައި ގާތްގަނޑަކަށް %85 މީހުން ވަނީ ވޯޓު ދީފައެވެ.