އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒު ބޫތުފްލިޤާ، 20 އަހަރު ދުވަހަށްފަހު ރިޔާސަތުން އިސްތިއުފާ ދެއްވައިފިއެވެ.
ހިނދުން ހިނދަށް އަމަލުކުރަން ފަށާގޮތަށް އަލްޖަޒާއިރުގެ ރިޔާސަތުން ބޫތުފްލިޤާ އިސްތިއުފާދެއްވާފައިވާ މި ދަނޑިވަޅަކީ، އޭނާގެ ޒަމާންވީ ވެރިކަމާ ދެކޮޅަށް އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެކެވެ.
ރައީސް ކަމުގެ މަގާމުން ބޫތުފްލިޤާ އިސްތިއުފާ ދެއްވާ ސިޓީފުޅެއް އާންމުކުރައްވާފައިވަނީ، ރިޔާސަތުން ބޫތުފްލިޤާ ދުރުކުރުމަށް ސީދާ ހަރަކާތަށް ނިކުތުމަށް އަސްކަރިއްޔާގެ އިސްވެރިޔާ ގޮވާލެއްވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
އިސްތިއުފާގެ ސިޓީފުޅުގައި ބޫތުފްލިޤާ ވިދާޅުވީ، ނިޔަތަކީ އުޖާލާ މުސްތަގުބަލަކަށް ގައުމު ގެންގޮސްދިނުމަށްޓަކައި ރައްޔިތުންގެ ނަފުސާ ސިކުނޑިތަކަށް ހަމަޖެހުން ގެނެސްދެއްވުން ކަމަށެވެ. އަދި ރައްޔިތުންނާ މުދާ ހިމާޔަތް ކުރެއްވުމަށާ، އުފެދިގެން ހިނގައިދާނެ ބޮޑު ހަމަނުޖެހުން ގަނޑަކުން ގައުމު ސަލާމަތްކުރެއްވުމަށްޓަކައި ރިޔާސަތުން ވަކިވެވަޑައިގަތުމަށް ނިންމަވަން މަޖުބޫރުވީކަމަށްވެސް ބޫތުފްލިޤާގެ އިސްތިއުފާގެ ސިޓީފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ބޫތުފްލިޤާގެ އިސްތިއުފާގެ ސިޓީފުޅު އާންމު ކުރެއްވުމާއިއެކު އެގައުމުގެ މަގުތަކުގައިވަނީ އުފާފާޅުކުރުންތައް ފަށާފައެވެ.
ބޫތުފްލިޤާގެ އިސްތިއުފާއާއިއެކު އަލްޖަޒާއިރުގެ ވަގުތީ ރައީސް ކަމުގެ މަގާމަށް އިސްކުރެވޭނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ޗެއާމަން އަބްދުލްޤާދިރު ބިން ސަލާހްއެވެ. އަދި އިންތިހާބަކާ ހަމައަށް ސުލްހަވެރިކަމާއެކު ގައުމު ގެންގޮސްދިނުމަށް 90 ދުވަހުގެ މުހުލަތެއް، ވަގުތީ ރައީސަށް ލިބިވަޑައިގަންނަވާނެއެވެ.
ބޫތުފްލިޤާއަކީ ކާކު؟
ޅަ އުމުރެއްގައި ސިޔާސީ މައިދާނުގެ ހަރަކާތްތަކަށް ނިކުމެވަޑައިގެންނެވި ބޫތުފްލިޤާ ވަނީ 1965 ވަނަ އަހަރު އަލްޖަޒީރާގައި ހިންގި ބަޣާވާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެއީ އަލްޖަޒާއިރުގެ އޭރުގެ ރައީސް އަޙްމަދު ބިން ބިއްލާގެ ވެރިކަމާއި ދެކޮޅަށެވެ. މި ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވީ ފަހުން ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި ހޫރީ ބަވްމިދީންއެވ. ބިއްލާގެ ވެރިކަން ވައްޓާލުމަށްފަހު އަލްޖަޒާއިރުގައި އާ ސަރުކާރެއް އެކުލަވާލެވުނުއިރުވެސް ބޫތުފްލިޤާ ހުންނެވީ ޚާރިޖީ ވަޒީރުކަމުގައެވެ. 1979 ވަނަ އަހަރު ބަވްމިދީން އަވަހާރަވީއިރު ބޫތުފްލިޤާ ހުންނެވީ ރިޔާސަތަށް އިސްކުރެވޭ ދަރަޖައިގައެވެ. ނަމަވެސް އަސްކަރިއްޔާގެ ފިކުރު ތަފާތެވެ. ރައީސް ކަމަށް ހަމަޖެއްސެވީ ޝާޒްލީ ބިން ޙަދީދުއެވެ. މާ ގިނަ ދުވަހެއް ނުވެ، ޚާރިޖީ ވަޒީރު ކަމުގެ މަގާމުންވެސް ބޫތުފްލިޤާ ވަކިކުރެވުނެވެ. އެއަށްފަހު ކޮރަޕްޝަންގެ ދައުވާތަކެއް ބޫތުފްލިޤާގެ މައްޗަށް ފެންމަތިކުރެވިގެންދިއުމާއިއެކު، 1981 ވަނަ އަހަރު ބޫތުފްލިޤާ އަމިއްލަފުޅަށް އަރުވާލެވިގެން، އަލްޖަޒާއިރު ދޫކޮށްލެއްވިއެވެ.
އަލްޖަޒާއިރުގެ ރިޔާސަތަށް ބޫތުފްލިޤާ
ބޫތުފްލިޤާ އެނބުރި އަލްޖަޒާއިރަށް ވަޑައިގަތީ 1987 ވަނަ އަހަރު، އެފް.އެލް.އެންގެ މެމްބަރެއްގެ ގޮތުގައެވެ. އަދި 1999 ވަނަ އަހަރު އަލްޖަޒާއިރުގެ ރިޔާސަތު ކަށަވަރު ކުރެއްވިއެވެ. އެފަހަރުގެ އިންތިހާބުވީ، އޮޅުވާލުންތަކާއި ކެނޑިޑޭޓުންގެ ކެނޑިޑަސީ އެބޭފުޅުން އަނބުރާ ގެންދެވުމުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވި އިންތިހާބަކަށެވެ. ނަމަވެސް ރިޔާސީ އޮޑީގައި ބާރަށް ހިއްޕަވައިގެން ހުންނެވި ބޫތުފްލިޤާ މިސްރާބު ބެހެއްޓެވީ ޤައުމު އާރާސްތުކުރެއްވުމަށެވެ. ބައިނަލްއަގުވާމީ މައިދާނުގައި އަލްޖަޒާއިރަށް ޤަދަރު އިތުރުކޮށްދެއްވުމަށެވެ، ދާހިލީ ފެންވަރުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރެއްވުމުގެ ނަމުގައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މައާފު ދެއްވިއެވެ.
ސިއްހީ ހާލުކޮޅު ދަށްވަމުން ގޮސް، 2013 ވަނަ އަހަރު ސީރިއަސް ސްޓްރޯކެއްގެ ޝިކާރައަކަށްވެސް، އާންމުންނަށް ބޫތުފްލިޤާ ފެންނަލެއް މަދުވެގެންދިޔައެވެ. އެހާލުކޮޅުގައިވެސް އޭޕްރީލް 2014 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބޫތުފްލިޤާއެވެ. ރިޔާސީ ހުރިހާ ކެމްޕޭނެއް ކުރެއްވީ އެކުގައި މަސައްކަތްކުރެއްވީ ބޭފުޅުންނާއި، އެމަނިކުފާނުގެ ސަޕޯޓަރުންނެވެ. ހީކުރެވުނު ގޮތަށް ބޫތުފްލިޤާ އިންތިހާބު ގެންދެވީ %81 އަށްވުރެވެސް މަތިން ވޯޓު ހޯއްދަވައިގެންނެވެ.
ބޫތުފްލިޤާއާއި ދެކޮޅަށް ގައުމު ތެދުވުން
ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަންޖެހިވަޑައިގެންނެވި ނަމަވެސް، ވެރިކަން ހިންގެވުމުގައި ބޫތުފްލިޤާއަކީ ރެކޯޑެކެވެ. އެގޮތުން މިދިޔަ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަސްވީވެސް އާދަޔާ ހިލާފު ދުވަހަކަށެވެ. ރިޔާސީ 5 ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ބޫތުފްލިޤާ އިއުލާން ކުރެއްވިއެވެ. ނަމަވެސް، މިފަހަރު އަލްޖަޒާއިރު އޮތީ ބޫތުފްލިޤާއަށް ތާއީދުކުރާ ފަދަ ގޮތަކަށް ނޫނެވެ. މަގުތަކުގައި މުޒާހަރާ ކުރުމަކީ އަލްޖަޒާއިރުގައި މަނާ ކަމެއް ނަމަވެސް އެތައް ހާސް ބަޔަކު ދމަގުތަކަށް ނިކުމެ، ސަރުކާރާއި ދެކޮޅަށް އަޑުއުފުއްލަން ފެށިއެވެ. އެ ވާނުގައި އަސްކަރިއްޔާގެ ތާއީދުވެސް އާންމުންގެ ކޮޅަށް ކަށަވަރުކޮށް، އަލްޖަޒާއިރުގެ ވެރިކަމާ ވަކިވެވަޑައިގަތުން ނޫން ގޮތެއް ބޫތުފްލިޤާއަށް މިއަދު ނެތުނީއެވެ.