ބަނޑުގައި ޣަރުބަގެންފައިވާ ދަރިފުޅު، ގަސްތުގައި ވައްޓާލާ މީހުންގެ ގައިގައި ބުދަ ދުވަހުން ފެށިގެން ހައްދު ޖަހަން ފަށާނެ ކަން ނިންމާ، އެކަން ތަންފީޒުކުރަން ފަށައިފިއެވެ.
އިސްލާމީ ޝަރީޢާގެ ހުކުމްތަކާ އެއްގޮތަށް، ހައްދު ކަނޑައެޅިފައިވާ ހުކުމްތައް ތަންފީޒު ކުރުމަށް ބުރޫނާއީ އިން ނިންމާ، އިސްލާމީ ޝަރީޢާ ތައާރަފުކުރީ 2014 ވަނަ އަހަރުއެވެ. ނަމަވެސް ކުށްލި ގޮތަކަށް އިސްލާމީ ޝަރީޢާގެ ހުރިހާ ހުކުމެއް ތަންފީޒު ކުރަން ފެށުމުގެ ބަދަލުގައި އާންމު ޤާނޫނަށް ފުރުސަތު ދީފައި އޮންނަތާ 5 އަހަރު ދުވަހަށްފަހު، އިސްލާމީ ޝަރީޢާގެ ހުކުމްތައް ބުދަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަން ބުރޫނާއިން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިސްލާމީ ޝަރީޢާގެ ހުކުމްތައް ބުދަ ދުވަހުން ފެށިގެން ބުރޫނާއީގައި ތަންފީޒުކުރަން ފަށާފައިވާއިރު، ރޭޕް ކުރުމާ، ކައިވެނިކޮށްގެން ހުރެ ކައިވެނިން ބޭރުން ޒިނޭ ކުރުމާ، އެއްޖިންސުން ގުޅުން ހިންގުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވާ މީހުން ރަޖަމުކޮށްގެން މަރާނެކަން ބުރޫނާއީ ވަނީ ހާމަކޮށްފައެވެ.
ދަރިވައްޓާލާ މީހުންގެ ގައިގައި، ޢާންމުންގެ ކުރިމަތީގައި ހައްދުޖެހުމާ، ވައްކަން ކުރާ މީހާގެ ގުނަވަންތައް ކެނޑުން ފަދަ ހުކުމްތައްވެސް ބުދަ ދުވަހުން ފެށިގެން ބުރޫނާއީގައި ތަންފީޒު ކުރެވިގެންދާނެއެވެ.
ގާތްގަނޑަކަށް 420000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރޫނާއީގެ އާބާދީގެ 3 ބައިކުޅަ 2 ބައި ހިއްސާކުރަނީ މުސްލިމުންނެވެ. އިސްލާމީ ޝަރީޢާގެ ހުކުމްތައް ތަންފީޒުކުރަން ފަށާއިރު، މުސްލިމުންގެ އިތުރުން އެހެން ދީންތަކުގެ މީހުންގެ މައްޗަށްވެސް މި ހުކުމްތައް ތަންފީޒުކުރެވިގެންދާނެކަން ބުރޫނާއީވަނީ ހާމަކޮށްފައެވެ.