މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން އެ ގެންދަވާ މަސައްކަތްޕުޅަކީ، ޗައިނާ އަތުން ދިވެހިރާއްޖެ ގަނެވޭތޯ ބެއްލެވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.
މިރޭ އޮތް ހެންވޭރު ދާއިރާތަކުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ޗައިނާއަށް ރާއްޖެ ވަނީ ދަރުވާލާފައި ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމުގެ އިސްތިގުލާލު ގެއްލި ދަނީ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ހަމަ އެއާއެކު މިއަދު ރައީސް ސޯލިހަށް ކުރައްވަން ޖެހިވަޑައިގެން އެއުޅުއްވާ މަސައްކަތްޕުޅަކީ ޗައިނާ އަތުން ރާއްޖެ ގަތުމުގެ މަސައްކަތްޕުޅު ކަމަށެވެ.
"ވީ ގޮތަކީ ހޮސްޕިޓަލް އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް މިލިއަން ޑޮލަރަކަށް އަރުވާ އޭގެން ވެސް ނާޖާއިޒް ފައިދާ ނެގީ. 70 މިލިއަން ޑޮލަރަށް އެޅެން އޮތް ބްރިޖެއް 200، 300 މިލިއަނަށް އެ ގެންގޮސް އަޅުގަނޑުމެން ދަރުވާލި. ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާއަށް ދަރުވާލި. ދަރީންގެ ދަރީންނަށް ދަންދެން އަޅުގަނޑުމެންނަށް ދެން ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑު މެންގެ އިސްތިގުލާލު ގެއްލި ދަނީ. އަޅުގަނޑުނެންގެ މިނިވަން ކަން ގެއްލި ދަނީ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީން، އެމަނިކުފާނަކީ މާ މޮޅު އިކޮނިމިސްޓެކޭ ވިދާޅުވެ، ރަށުތެރޭގައި "ގަޓުރައީސް" ހެއްދެވިގެން އުޅުއްވާ ރާއްޖެ އޮތީ ޗައިނާއަށް ދަރުވާލައްވާފައި ކަމަށެވެ. އަދި އެކަމުގެ ތެރޭގައި ވައްކަންވެސް ކުރެއްވީ ކަމަށާ މުޅި ގައުމުގައި ވައްކަން އާންމުވެސް ކުރެއްވީ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރާ ހިލާފަށް މިހާރު ހިނގަމުންދާ ރައީސް ސޯލިހުގެ ސަރުކާރަކީ އިންޑިއާއާ ގާތް ގުޅުމެއް އޮންނަ ސަރުކާރެކެވެ.