އާމްދަނީ ނުލިބޭ ފަރާތްތަކަށް ސަރުކާރުން ހިލޭ ބޯހިޔާ ވަހިކަން ފޯރު ކޮށްދޭނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި މިރޭ އޮތް ކެމްޕޭނު ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ލިބޭ އާމްދަނީ ކުލި ދެކޮޅު ނުޖެއްސޭ ފަރާތް ތަކަށް، ސަރުކާރުން އެހީތެރި ކަން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފްލެޓް ގަނެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އާމްދަނީ އެއް ނުލިބި، އެއްވެސް ގޮތެއްގައި ބޯހިޔާވަހި ކަމެއް ނެތް މީހުނަށް އާމްދަނީ އެއް ލިބެން ދެން ހިލޭ ސަރުކާރުން ބޯހިޔާ ވަހިކަން ފޯރު ކޮށްދޭނަން. އަދި ލިބޭ އާމްދަނީން ކުލި ދެކޮޅު ނުޖެއްސޭ ފަރާތް ތަކަށް ސަރުކާރުން އޭގަ އެހީތެރި ވެދޭނަން. އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތް ތަކަށް ފަސޭހައިން ފްލެޓް ގަނެވޭނެ ގޮތް ހަދައިދީ އެ ފަރާތްތަކަށް ލުއި ލޯނު ލިބޭ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިރޭ ވިދާޅުވީ، ހުޅުމާލޭގައި ކުރީގެ ސަރުކާރުން ހަދަން ފަށާފައި ހުރި ފްލެޓް ތަކަކީ، އިންސާނަކު ދިރިއުޅެން ކަމުދާ ގޮތަށް ހަދާ ތަންތަނެއް ނޫން ކަމަށެވެ. އަދި ބޯހިޔާ ވަހިކަން ފޯރު ކޮށްދޭން ސަރުކާރުން ކަންތައްތައް ކުރަން ޖެހޭނެ ގޮތަކީ އެއީ ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެތަންތާގައި ހުރީ 500 އަކަފޫޓުގައި 3 ކޮޓަރި ހަދާފައި ކަމަށެވެ. އެއީ 8 ފޫޓު 9 ފޫޓު ކޮޓަރި ކަމަށާ އެނދެއް ބެހެއްޓީމާ އަލަމާރިއެއް ބަހައްޓާނެ ޖާގަވެސް ނެތް ކަމަށެވެ. އަދި އެތަންތަން ދޭން ނިންމާފައި އޮތީ 8000 ރުފިޔާއަށް ކަމަށެވެ.
ރައީސް ވިދާޅުވީ އަލަށް ފަށާ މަސްރޫއުގައި 950 އަކަފޫޓުގައި 3 ކޮޓަރީގެ އެޕާޓްމަންޓް ހައްދަވައި ކުލި 6000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ގޮތް ހައްދަވާނެ ކަމަށެވެ.