އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ވަކާލާތު ކުރާ މީހުން ދޯޅައީ ކޮންބޭފުޅަކާ ތޯ ވިދާޅުވެ ޝެއިހް އަލީ ޒައިދް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ޝެއިހް ޒައިދު މިހެން ވިދާޅުވެފައި ވަނީ، ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގަންނަވާ ބޭފުޅުންނަކީ، 'އެތަނުގައި އެއްޖިންސުން ގުޅުން އުފައްދަން އުޅެއުޅެފައި' ރާއްޖެ ވަޑައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝެއިހް ޒައިދު ވަނީ، އެއް ޖިންސުން ގުޅުން ހިންގުމަކީ އެއީ ހައްގެއް ކަމަށް، ވަކާލާތު ކޮށް، އެއީ ހަޑިކަމެއް ނޫން ކަމަށް ވިސްނައިދޭން އުޅޭ ގްރޫޕު އެނބުރެނީ ކާކު ވަށާތޯ، ސުވާލު ކުރައްވާފައެވެ. އަދި އެމީހުން ދޯޅައީ ކާކުގެ ފިކުރަކާ ތޯ ވެސް ޝެއިހް ޒައިދު ސުވާލު އުފައްދަވާފައި ވެއެވެ. ޝެއިހް އަލީ ޒައިދު ވިދާޅުވީ، އެ ފަދަ ނުބައި އެޖެންޑާ އޮތީމައި ހަޖަމު ނުކުރެއްވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ސަލަފިއްޔާއިން ކިޔަވާ ވިދާޅުވި ޢިލްމުވެރިއެއް ކަމަށްވާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން، 'ދަ ޕްރެސް' އަށް ވިދާޅުވީ، އެފަދަ ވާހަކައެއް ދައްކާ އެއްވެސް މީހަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި، ދުޢާ އަކީ އެފަދަ މީހަކަށް، ﷲ ތެދުމަގު ދެއްކެވުން ކަމަށެވެ.
ނަޝީދު މިއަދު ވިދާޅުވީ، ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެގެން އަންނަ އިލްމުވެރިން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ނަފްރަތު އުފެއްދުން ނޫން ކަމެއް މިއަދު ނުކުރައްވާ ކަމަށެވެ.
"މާލެ ތެރޭގައި އުޅެއުޅެފައި ސަލަފިއްޔާއަށް ގެންގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދަން އުޅެއުޅެފައި ދެން ތިމަންނާމީ އެވެނިއެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި އަންނަ ގޮތަށް ރާއްޖެ އައިސް މާ ދީނީ ބޭފުޅެކޭ ކިޔައިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު ނުކުރޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެފައިވާ ގިނަ އަދަދެއްގެ މަޝްހޫރު ދީނީ އިލްމުވެރިން ރާއްޖޭގައި އެބަ ތިއްބެވިއެވެ.
ޒައިދު ދެން ރައްދު ދިނުމުގެ ބޭނުމެއްނެއް. އިމްރާންގެ ބަހެއް ނެއްތަ މިކަމާއި ގުޅިގެން