އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޖޯ ބައިޑަންއާއި ދެކޮޅަށް އަމާޒުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.
ބައިޑަންއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރައްވާފައިވަނީ ނެވާޑާ އެސެމްބްލީގެ މެމްބަރެއް ކަމަށްވާ ލޫސީ ފްލޯރެސްއެވެ. ލޫސީ ފްލޯރެސް ވިދާޅުވާ ގޮތުގައި ބައިޑަން ވަނީ ކެމްޕެއިން އިވެންޓެއްގައި އޭނާގެ ބޮލުގެ ފަހަތަށް ބޮސްދީފައެވެ.
ބައިޑަންގެ ތަރުހަމާނު ބިލް ރޫސޯ ވިދާޅުވީ، ލޫސީ ދެއްކެވި ވާހަކަފުޅުގައި އެބުނާ ކަންތައްތަކެއް ހިނގިކަމެއް ބައިޑަން އާއި ބައިޑަންގެ ޓީމަށް އެނގިފައި ނުވާއިރު، ކެމްޕޭން ތެރޭގައި ލޫސީ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަހަލަ ކަމެއް ހިނގިކަންވެސް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިފަދަ ތުހުމަތެއް އިތުރު މީހަކުވެސް ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އޭނާގެ މޫނުގައި ބައިޑަން އަތްލެއްވި ކަމަށާ، މޫނާ މޫނު ޖެހޭހާ ގާތަށް، ބައިޑަން ގާތްވެވަޑައިގެންނެވިކަމަށް އެމީހާ ވަނީ ކިއާދީފައެވެ.
އުމުރުފުޅުން މިހާރު 76 އަހަރު ފުރިފައިވާ ބައިޑަންއަކީ އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓުންގެ ޓިކެޓްގައި ރިޔާސަތަށް ވާދަކުރެއްވުމުގެ ފުރުސަތު ބޮޑު ބޭފުޅެކެވެ. ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަމެއް ބައިޑަން އަދި ހާމަކުރައްވާފައެއް ނުވެއެވެ.