ކަމާ ބެހޭ ތަޖުރިބާކާރުންގެ އިރުޝާދުތަކުގެ މައްޗަށް ގޮތް ވިދާޅުވެ، 24 އަށްވުރެ ގިނަ ފަރާތަކަށް ސެކިއުރިޓީ ކްލިއަރަންސް ދެއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އަމުރުކޮށްފައި ވާކަމަށް، ވައިޓް ހައުސްގެ ވިސްލްބްލޯވާއެއް ހާމަކޮށްފިއެވެ.
ގަވައިދާ ހިލާފަށް ސެކިއުރިޓީ ކްލިއަރަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދަރިފުޅު އިވާންކާ ޓްރަމްޕްގެ އިތުރުން ދަނބިދަރިފުޅު ޖެރާޑް ކުޝްނާވެސް ހިމެނިވަޑައިގަންނަވައެވެ.
އެކި ބޭނުންތަކުގައި ވައިޓްހައުސްއަށް ވަޑައިގަންނަވާ އޮފިޝަލުންނަށް ސެކިއުރިޓީ ކްލިއަރަންސް ދެއްވުމުގައި 18 އަހަރު ހިދުމަތް ކުރައްވާފައިވާ ޓްރީޝާ ނިއުބޯލްޑް ވިދާޅުވީ، އެކި ސަބަބުތަކާ ހެދި ސެކިއުރިޓީ ކްލިއަރަންސް ދޫކޮށްފައި ނުވަނީސް، ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންގެ އޯޑަރަށް 'ވަލުދޮރާށިން' ކްލިއަރަންސްދީފައިވާ 25 ބޭފުޅެއްގެ ނަން އެކުލެވޭ ލިސްޓެއް އެބައޮތް ކަމަށެވެ.
މިވާހަކަތައް އާންމުކުރައްވާފައިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރެއް ކަމަށްވާ ކޮންގްރެސްމަން އެލައިޖާ ކަމިންގްސްއެވެ. ނަމަވެސް، އެލިސްޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ތަފްސީލީ ވަނަރުތަކެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ކޮންގްރެސްމަން ކަމިންގްސް އާންމު ކުރައްވާފައިވާ މެމޯގައިވާ ގޮތުން، ޕްރޮޓޮކޯލްއާއި ހިލާފަށް ސެކިއުރިޓީ ކްލިއަރަންސް ދީފައިވާ ފަރާތްތަކުގެ ތެރޭގައި، ބޭރުގެ ނުފޫޒުގައި ޖެހިވަޑައިގެންފައިވާ ފަރާތްތަކާ، މަސްލަހަތު ފުށޫ އަރާ ފަރާތްތަކުގެ އިތުރުން، ޒާތީ އަދި މާލީ މައްސަލަތަކެއްގައި ބެދިވަޑައިގެންފައިވާ ފަރާތްތަކާ، މަސްތުވާތަކެއްޗާ ޖިނައީ ކުށުގެ ރެކޯޑް އޮތް ފަރާތްތައްވެސް ހިމެނެއެވެ.
އިދިކޮޅު ޑިމޮކްރަޓުން ކޮންޓްރޯލް ކުރާ ކޮންގްރެސްއިން މިފަދަ ވާހަކައެއް އާންމު ކުރުމާއެކު ވެރިކަން ކުރާ ރިޕަބްލިކަންސް މެމްބަރުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، މިއީ ކުޑަކަމެއް މާ ބޮޑުކޮށްލައިގެން އުޅޭ އުޅެމެއް ކަމަށް، ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.