ކުށްލި ގޮތަކަށް ނޭޕާލަށް އެރި ތޫފާނުގައި 29 މީހުން މަރުވެ، އެކި ވަރުގެ އަނިޔާތައް ލިބުނު މީހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރައިފިއެވެ.
ނޭޕާލްގެ ދެކުނުގެ ސަރަހައްދުތަކަށް އާދީއްތަ ދުވަހުގެ ހަވީރު އެރި ތޫފާނުގައި ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވެފައިވަނީ ގަދަ ވަޔާއެކު ގެތަށް ސުންނާފަތިވެ، އެއްގަމު އުޅަނދުތައް ފުރޮޅާލުމުގެ އިތުރުން ގަސްތައް މުލުން ލުހުމާއި، މަގުމަތީގައި ޖަހާފައިވާ ކަރަންޓް ސަޕްލައި ދަނޑިތައް ނައްޓައިގެން ދިއުން ފަދަ ހާދިސާތައް ހިނގުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ހެއިލްސްޓޯމްގެ ސަބަބުންވެސް ގިނަ ބަޔަކު ޒަހަމްވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އޮފިޝަލުން ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހަމައަކަށް އެޅެމުންދާ ވަރަކަށް، ޒަހަމްވީ މީހުންގެ އަދަދުތައް އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ.
ތޫފާނުގެ ސަބަބުން ލިބިފައިވާ އުމްރާނީ ގެއްލުންތައް އަދި އެއްވެސް ވަރަކަށް ވަޒަން ކުރެވިފައެއް ނުވެއެވެ.
ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ.ޝަރުމާ އޯލީ ވަނީ، ތޫފާނުގެ ސަބަބު ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާ، އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.