މެއި މަހުގެ 2 ވަނަ ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެނަމަ، ޝަރީއަތުގައި ދިފާއަށް ވާހަކަ ދެއްކެވުމުގެ ހައްގު ނިގުޅައިގަނެވޭނެ ކަމުގެ އިންޒާރު، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެގައުމުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފަށް ދީފިއެވެ.
މުޝައްރަފާ ދެކޮޅަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި ބަލަމުންދަނީ، ގައުމަށް ޣައްދާރު ވެވަޑައިގެންނެވިކަމުގެ މަތީ ދަރަޖައިގެ މައްސަލައެކެވެ.
ގައުމަށް ޣައްދާރު ވެވަޑައިގެންނެވި ކަމުގެ ކުށުގެ ދައުވާގެ ޝަރީއަތް މުޝައްރަފާ ދެކޮޅަށް 2014 ވަނަ އަހަރު ބަލަން ފެށީ ހާއްސަ ކޯޓަކުންނެވެ. އެއަށްފަހު ސިއްހީ ފަރުވާއެއް ހޯއްދަވަން ކަމަށް ވިދާޅުވެ މުޝައްރަފު ވަނީ 2016 ވަނަ އަހަރު ދުބާއީއަށް ވަޑައިގެންފައެވެ. އޭގެ ފަހުން އެނބުރި ޕާކިސްތާނަށް ވަޑައިގެންފައި ނުވާއިރު، މިދިޔަ މަހުވެސް މުޝައްރަފު ވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވިފައެވެ.
ކަންމިހެން އޮތްނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުޝައްރަފު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާއިރު، ގައުމަށް ޣައްދާރު ވެވަޑައިގަތުމުގެ ކުށުގެ ޝަރީއަތަކަށް އަބަދާ އަބަދު އުޒުރު ދައްކަވައިގެން ދުރުގައި ނުހުންނެވޭނެ ކަމަށާ، ގައުމަށް ޣައްދާރު ވެވްޑައިގަތުމުގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫންކަމަށް ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
މުޝައްރަފުގެ ވަކީލު ވިދާޅުވީ މެއި މަހުގެ 2 ވަނަ ދުވަހުވެސް މުޝައްރަފަށް ކޯޓަށް ހާޒިރުވެ ވަޑައިގެންނެވޭނޭ ދަންނަވަން ދަތިކަމަށާ، އެހެނީ މުޝައްރަފު މިހާރުވެސް ގެންދަވަނީ ކީމޯތެރަޕީގެ ފަރުވާ ހޯއްދަވަމުން ކަމަށެވެ. ރަމަޟާން މަހުގެ ކުރިން ކޯޓަށް ހާޒިރުވުމަށް 3 ފަނޑިޔާރުންގެ ބެންޗުންވަނީ އަމުރެއް ނެރުއްވާފައެވެ. މުޝައްރަފަށް ދީފައިވާ މުހުލަތުގެ ތާރީހު މެއި 13އަށް ފަސްކުރުމަށް މުޝައްރަފުގެ ވަކީލު ވަނީ މަސައްކަތް ކުރައްވާފައެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ މުޝައްރަފުގެ ޕާސްޕޯޓްގެ އިތުރުން ކާކުކަން އަންގައިދޭ ގައުމީ ކާޑުވެސް ކެންސަލްކޮށްފައެވެ.