ކުރިއަށް އޮތް އާންމު އިންތިހާބުގައި އެ ޕާޓީއަށް ބާރު ލިބިއްޖެ ނަމަ، 2020 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަސް އަންނަ އިރު އިންޑިއާ ސަރުކާރުގެ 22 ލައްކަ ވަޒީފާ އަކަށް މީހުން ހޮއްވަވާނެ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

އެކަށީގެންވާ މިންވަރަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައި ނުވާއިރު، ވަޒީފާ ގެއްލެމުންދާ މައްސަލަ ފާހަގަކޮށް ރާހުލްގެ ކޮންގްރެސް ޕާޓީ އިން ދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި މޯދީގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒު ކުރަމުންނެވެ.

އެގޮތުން ސަރުކާރުން މިހާރުވެސް 22 ލައްކަ ވަޒީފާގެ ފުރުސަތު ހުސްވެފައި އޮތްކަން ރާހުލް ގާންދީ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން އޭޕްރިލް 11 ވަނަ ދުވަހު ފަށަން ހަމަޖެހިފައި ވާއިރު، މިފަހަރުގެ އިންތިހާބަކީ އިންތިހާއަށް ވާދަވެރި އިންތިހާބަކަށް ވެގެން ދާނެއެވެ. އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުމަކީ މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ.