ސައުދީ އަރަބިއްޔާގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ގައިދީންނަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަންތަކުން މަހުރޫމުކުރެވިފައިވުމުގެ އިތުރުން، ލާއިންސާނީ އަނިޔާ ލިބެމުންދާ ބައެއް ކަމަށް ލީކުވެފައިވާ މެޑިކަލް ރިޕޯޓްތަކަކާ ހަވާލާދީ ދަ ގާޑިއަންއިން އާންމުކޮށްފައިވާ ޚަބަރަކަށް ހަވާލާދީ، ބައިނަލްއަގުވާމީ ޚަބަރުތައް ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ލީކުކޮށްލާފައިވަނީ، ސައުދީގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެރުވުމަށް ތައްޔާރުކޮށްފައިވާ މެޑިކަލް ރިޕޯޓްތަކެކެވެ.

މި ރިޕޯޓްތަތަކުގައިވާ ބައެއް މައުލޫމާތަށް ބަލާއިރު، ސިއްހީ ކަންބޮޑުވުންތަކެއްގެ ސަބަބުން ބައެއް ގައިދީންނަށް މައާފު ހައްގުވާއިރު އަނެއް ބައި ގައިދީން އަވަސް ފުރުސަތެއްގައި ދޫކޮށްލަންވެސްޖެހޭ ކަމަށް ޚަބަރު ލިބެއެވެ.

60 އަކަށް ގައިދީންގެ މެޑިކަލް ޗެކަޕް ހަދާފައިވަނީ ސަލްމާން ރަސްގެފާނުގެ އޯޑަރަކަށް ކަމަށާ، މި ޓެސްޓުތައް ހަދާފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީ އަޙުދުމު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އަރިސް ބޭފުޅުންގެ ނުރުހުމުގައި ކަމަށްވެއެވެ.

މި ރިޕޯޓްތަކާ ގުޅިގެން ސައުދީ ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެފައިވާކަމަށް ގާޑިއަން ނޫހުން ބުނާއިރު، ރިޕޯޓްތަކުގެ ސައްހަކަން ދޮގުކުރުމަށް ސައުދީއިން މަސައްކަތްކޮށްފައި ނުވާކަމަށްވެސް އެ ނޫހުން ބުނެއެވެ.

ލީކުކޮށްލާފައިވާ މެޑިކަލް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ގައިދީންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އާދަޔާ ހިލާފަށް ހަށިގަނޑުގެ ބަރުދަން ލުއިވުމާ، ހޮޑުގެ ގޮތުގައި ލޭ އައުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުން ފާޅުވާން ހުރި އަނިޔާގެ ނިޝާންތައް ފާހަގަކުރޭވެ ކަމަށް ޚަބަރުތައް ބުނެއެވެ.

ގައިދީންގެ ހާލަތު ހުރި ގޮތުން، ގިނަ ގައިދީންނަކީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބަދަލުކުރަންޖެހޭ ގައިދީންކަމަށްވެސްވެއެވެ.

ސައުދީގެ ޖަލުތަކުގައި އަނިޔާ ލިބެމުންދާ ގައިދީންގެ ތެރޭގައި އަންހެން ގައިދީންވެސް ހިމެނެއެވެ.

ސައުދީ އަރަބިއްޔާއާއި ގުޅިގެން މިފަދަ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ، ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައިގެ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގަށް ސައުދީއިން އެއްބާރުލުން ނުދިން މައްސަލައެއް ފެންމަތިވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.