މާޗް 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެ ތައިލޭންޑްގެ އިދިކޮޅު އެކްޓިވިސްޓުން މުޒާހަރާ ކުރަން ފަށައިފިއެވެ.
އަސްކަރީ ބަޣާވާތަކުން ތައިލޭންޑްގެ ވެރިކަން 2014 ވަނަ އަހަރު ބަދަލުކޮށްލިފަހުން އެގައުމުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައިވަނީ ތައިލޭންޑްގެ އިންތިހާބީ ކޮމިޝަނުން ގަސްތުގައި ކަމަށާ، ލަހުން ނަމަވެސް ބޭއްވި އިންތިހާބުގެ ނަތީޖާއާއިވެސް އިލެކްޝަންސް ކޮމިޝަނުން ކުޅެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ވޯޓުލީތާ ހަފުތާއެއްވީއިރުވެސް ނަތީޖާ ނިކުތް ގޮތެއް އަދި ކަށަވަރު ކުރެވިފައި ނުވާއިރު، ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައެއް ނުވެއެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ސުންގަނޑިއަކީ އަންނަ މޭ މަހުގެ 9 ވަނަ ދުވަސްކަމަށް ޚަބަރު ލިބެއެވެ.
ވޯޓުލީތާ މާ ގިނައިރުތަކެއް ނުވަނީސް ވަގުތީ ނަތީޖާ އިއުލާންކޮށް އޭގެ 4 ދުވަސްފަހުން ހިސާބުތަކެއް އާންމުކޮށްފައިވާއިރު، ލިބުނު ނަތީޖާތައް ދައްކާ ގޮތުން ތައިލޭންޑްގެ ސިޔާސީ ކުރިމަގު އޮތްގޮތް މާ ބޮޑަކަށް ކަށަވަރުވާ ގޮތެއް ނުވެއެވެ. ޕޮޕިއުލާ ވޯޓު ނުވަތަ ވަކިވަކި ސަރަހައްދުތަކުން ވޯޓުދިނުމަށް އައްޔަންކޮށްފައިވާ އިލެކްޓޯރަލް ބޯޑުން ދީފައިވާ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު ކުރީގައި އޮތީ ތައިލޭންޑްގެ އަސްކަރީ ސަރުކާރަށް ތާއީދުކުރާ ޕާޓީއެކެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ސީޓުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ނެގި ވޯޓުގައި ކުރި ހޯދާފައިވަނީ އިދިކޮޅު ޕާޓީއެވެ.
ތައިލޭންޑުގެ މަގުތަކަށް މުޒާހަރާއަށް ނިކުތް މީހުން މަސައްކަތް ކުރަމުންދަނީ، އިލެކްޝަންސް ކޮމިޝަނު އުވާލުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަ ކުރުމަށެވެ.
އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށް ބުނެ ތައިލޭންޑްގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނުމަށް އެ ކޮމިޝަނުން ވަނީ އިންކާރުކޮށްފައެވެ.
މި ދަނޑިވަޅަކީ، ތައިލޭންޑްގެ ރަސްކަމުގެ ތާޖުކޮޅު، އާ ރަސްގެފާނު މަނާ ވަކިރަލޮންގްކޯންއާއި މޭ މަހު ހަވާލު ކުރުމަށް އެގައުމުން އެންމެ ފަހުގެ ތައްޔާރީތައްވެސް ވަމުން އަންނަ ދަނޑިވަޅެކެވެ.