އިސްރާއީލުން ވެރިވެގެންފައިވާ ގޯލަން ހައިޓްސް ނުވަތަ ގޯލާންގެ އުސްބިންތަކަކީ ސޫރިޔާގެ ފުރިހަމަ ހައްގެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އަރަބި ލީގުގެ ލީޑަރުން ވިދާޅުވެއްޖެއެވެ.

ތޫނިސްގައި ކުރިއަށްދިޔަ އަރަބި ލީގު ލީޑަރުންގެ ސަމިޓަށްފަހު އެކުލަވާލި ރަސްމީ ބަޔާން ބުނާ ގޮތުގައި، ގޯލާންގެ އުސްބިންތަކުގެ މައްޗަށް ސޫރިޔާއަށް އޮތް ހައްގު ހޯދާދިނުމަށް އަރަބި ލީގުގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ.

އަރަބި ލީގު ލީޑަރުންގެ 30 ވަނަ ސަމިޓް ނިންމަވާލައްވާ ފަހު ބަޔާން އިއްވަވަމުން ތޫނިސްގެ ހާރިޖީ ވަޒީރު ޚާމިސް އަލް ޖީހްނާއޫއީ ވިދާޅުވީ، އަރަބި ދުނިޔޭގައި މިހާރު ހިންގަމުންދާ ހަމަނުޖެހުން ތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ. ސަރަހައްދީ ފެންވަރުގައި ހަމަޖެހުން ގާއިމުކުރެވެން އޮތީ އަރަބިން ސުލްހަ ގާއިމުކޮށްގެން ކަމަށްވެސް ތޫނިސްގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަރަބި ލީގުންވަނީ އިސްރާއީލާ ފަލަސްޠީނު ސުލްހަ ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އަޒުމެއް އެ އިއްތިހާދުގައި އެބައޮތްކަންވެސް ހާމަކޮށްފައެވެ.

އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި އޮތް ވަކި ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު އުފެދިގެން އައުމަށް ތާއީދުކުރައްވާކަމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލް ސައުދު ވިދާޅުވިއިރު، އުރުދުންގެ ޢަބްދުﷲ ރަސްގެފާނު ވަނީ، އަލް އަޤްޞާ މިސްކިތާއި މިސްކިތުގެ ސަރަހައްދު ހިމާޔަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ޤުދުސްގައި ހުރި މުޤައްދަސް ބިނާތަކުގެ ބެލެނިވެރި ފަރާތަކީ އުރުދުންއެވެ.

ކަންމިހެން އޮތްއިރު މުރާސިލުން ބުނާ ގޮތުގައި، އަރަބި ލީގުގެ މެމްބަރުން ފަލަސްޠީނުގެ މައްސަލައާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައި ވަނީ، މެދުއިރުމައްޗަށް ދިމާވެފައިވާ އަސްލު މައްސަލަތަކުން ބަރީއަވެ ވަޑައިގަތުމަށެވެ. އެގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ހިންގަމުންދާ ކޮރަޕްޝަނުގެ އިތުރުން ހާމަކަން ބޮޑު އުސޫލެއްގެ ދަށުން ކަންކަން ކުރެވޭނެ ފުރުސަތު ހަނިވުމާ، އިނދަޖެހުމުންދާ އިގުތިސޯދުތަކުގެ ސަބަބުން އަރަބި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް އޮއްބާލެއްވުމަށް ގައުމުތަކުގެ ލީޑަރުން، ފަލަސްޠީނު އައްޑަނައަކަށް ހައްދަވަފައި ވާކަމަށް މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރަމުންދާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.