މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު ހޯދާފައިވާ އެމޭޒަން ކުންފުނީގެ ބޮސް ޖެފް ބެޒޮސްގެ ފޯނު ހެކްކޮށް، އެ ފޯނުގައިވާ މައުލޫމާތު ބަލާފައިވަނީ ސައުދީ އަރަބިއްޔާއިން ކަމަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ފަރާތަކުން ބުނެފިއެވެ.
ޖެފް ބެޒޮސްގެ ޒާތީ މެސެޖުތަކެއް "ނޭޝަނަލް އެންކުއަރާ" ނަމަކަށް ކިއާ ޓެބްލޮއިޑަކަށް ލީކުވި މައްސަލަ، ބެޒޮސްގެ ފަރާތުން ތަހުގީގު ކުރަމުންދަނީ ގެވީން ޑި ބެކާއެވެ.
ލީކުކޮށްލާފައިވަނީ، އޭނާގެ ލޯބިވެރިޔާއަށް ބެޒޮސް ފޮނުވާފައިވާ ޓެކްސްޓް މެސެޖުތަކެކެވެ.
ޑި ބެކާ ތުހުމަތު ކުރާ ގޮތުގައި، މިކަން ގުޅެނީ އިހާނެތި ގޮތަކަށް މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން ވޮޝިންގްޓަން ޕޯސްޓްއިން ހަދަމުންދިޔަ ކަވަރޭޖާއެވެ. ވޮޝިންގްޓަން ޕޯސްޓަކީ ބެޒޮސްގެ މިލްކަކަށް ވާއިރު، ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި ދުރާލާ ރާވައިގެން ޚަޝޯގީ މަރާލިއިރު ކޮލަމިސްޓެއްގެ ގޮތުގައި ޚަޝޯގީ މަސައްކަތް ކުރަމުން ދިޔައީ ވެސް ވޮޝިންގްޓަން ޕޯސްޓުގައެވެ.
ޑި ބެކާއާއި އޭނާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ބެޒޮސްގެ ފޯނަށް ސައުދީއިން ވަދެފައިވާކަން ކަށަވަރުވާ ކަމަށް ބުނެފައެވެ. އަދި ލިބިފައިވާ ހުރިހާ މައުލޫމާތެއް އެމެރިކާގެ ކަމާ ބެހޭ ފެޑެރަލް އޮފިޝަލުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ޑި ބެކާ ވަނީ ބުނެފައެވެ.
ޑި ބެކާގެ ތުހުމަތުތައް ސައުދީއިން އަދި ދޮގުކޮށްފައެއް ނުވެއެވެ.