ލީބިއާގެ ކަނޑުގެ ސަރަހައްދުން ބޭރުން ބެހިގެންދިޔަ ރެފިއުޖީންތަކެއް ސަލާމަތްކޮށްދިން ވިޔަފާރި މަނަވަރު ހައިޖެކްކުރުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި، ފުރާވަރު އުމުރުގެ ތިން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް މޯލްޓާގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
ވިޔަފާރި މަނަވަރެއް ކަމަށްވާ އެލް ހިބްލޫ 1 އިން މިދިޔަ ހަފުތާގެ ކުރީކޮޅު ސަލާމަތްކުރި 108 ރެފިއުޖީންގެ ތެރޭގައި ހިމެނޭ މި ތިން ކުދިން މިހާރު ވަނީ ކޯޓަށްވެސް ހާޒިރުކޮށްފައެވެ.
މި ކުދިންނަށް ތުހުމަތު ކުރަނީ އެކުދިން ސަލާމަތްކޮށްދިން މަނަވަރު ދަތުރުކުރަމުންދިޔަ މިސްރާބު ވިލާތާ ދިމާލަށް ބަދަލު ކުރުމަށް މަޖުބޫރު ކުރުމަށްޓަކައި ބޯޓުގެ ކުރޫންނަށް ފުރައްސާރަކޮށް ބުލީކޮށް ހެދިކަމަށެވެ.
މޯލްޓާގެ ގާނޫނު ބުނާ ގޮތުގައި ޣައިރު ގާނޫނީ ގޮތެއްގައި ކަނޑު އުޅަނދެއްގެ ކޮންޓްރޯލް އަތުލައިފިނަމަ ހަތް އަހަރު ދުވަހާ 30 ދުވަހާ ދެމެދު މުއްދަތެއްގެ ޖަލު ހުކުމެއް އެފަދަ އަމަލެއް ހިންގި މީހެއްގެ މައްޗަށް އިއްވާ، ތަންފީޒު ކުރަންޖެހެއެވެ.
ކޯޓަށް ހާޒިރުކުރެވުނު ތިން ކުދިންވެސް ވަނީ ދައުވާ އިންކާރުކޮށްފައެވެ. މި ކުދިން މިހާރު ތިބީ ޑިޓެންޝަން ސެންޓަރެއްގައި، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.
ކަނޑުމަތީގައި ރެފިއުޖީންތަކެއް ހާލުގައިޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން، އެމީހުން ސަލާމަތްކުރުމަށް އެލް ހިބްލޫ 1 މިސްރާބު ޖެހީ، ތުރުކީވިލާތުން ފުރައިގެން ލީބިއާއަށް ދަތުރުކުރަމުންދިޔަ މަގުތަމަތީގައެވެ.