އިސްރާއީލުން ވެރިވެގެންފައިވާ ބިންތައް ހޯދުމުގެ ނަމުގައި 2018 ވަނަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހު ފަލަސްޠީނުގެ ރައްޔިތުން ފެށި ބޮޑު މުޒާހަރާއަށް 1 އަހަރުފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެއްވުންތަކުގައި ބައިވެރިވި ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި، 3 މީހަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލާ ޣައްޒާ ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި ކޮންމެ ހުކުރު ދުވަހަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެއްވުމުގައި ބައިލައްކައެއްހާ މީހުން ބައިވެރިވިކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ އުދުވާންތަކުގައި ލައިވް ވަޒަނުގެ ހަމަލާތައް އަމާޒުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ހާހުން ގުނާލެވެއެވެ.

ފޯރިމެރުމުގެ ނަމުގައި އިސްރާއީލުގެ އެތައް ހާސް ސިފައިންނެއް ބޯޑަރު ކައިރިއަށް ނެރެފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ހިނިހިރު ދުވަހުގެ މުޒާހަރާތަކުގައި ޣައްޒާއަށް ހަމަލާދީފައިވަނީ، ފެންސު ހުރަސްކޮށް ޣައްޒާގެ ހަމަލާތަކެއް އިސްރާއީލަށް އަމާޒުވުމުން އެ ހަމަލަތާކުގެ ރައްދުގައި ކަމަށެވެ.

އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު މާޗް މަހާއި ޑިސެމްބަރު މަހާ ދެމެދު، އިސްރާއީލުގެ މިފަދަ އުދުވާންތަކުގައި ޝާހީދުވެދިޔަ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 189އަށް އަރައެވެ. މި ހަމަނުޖެހުންތަކުގައި އިސްރާއީލުން މަރުވެފައިވަނީ އަސްކަރިއްޔާގެ އެންމެ މީހެކެވެ.