އިތިއޮޕިއާއިން ފުރައިގެން ކެންޔާއަށް ދިއުމަށް ދަތުރުފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު އިތިއޮޕިއަން އެއާލައިންސް ފްލައިޓް އީޓީ 302ގެ މަތިންދާބޯޓުގެ ކޮކްޕިޓުގައި އެންމެ ފަހުން ދެކެވުނު ވާހަކަތަކުގެ ރެކޯޑިންގްއިން ލިބުނު ތަފްސީލީ މައުލޫމާތު އާންމު ކުރަން ފަށައިފިއެވެ.

މީގެ 3 ހަފުތާއެއްހާ ދުވަސް ކުރިން މިހިނގި މި ހާދިސާގައި، ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާބޯޓުން ދަތުރުކުރި ހުރިހާ އެންމެން ވަނީ މަރުވެފައެވެ.

ފަސެންޖަރުންނާ ކުރޫއިން ހިމެނޭ ގޮތަށް ޖުމުލަ 157 މީހުންނާއެކު އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާއިން ބޯޓު އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވެ، ބޯޓުގެ ކުރީކޮޅު ބިމާ ދިމާލަށް ތިރިވާން ފެށިކަމާ، އޭރު ބޯޓު އުދުހެމުން ދިޔައީ ބިމުގެ 450 ފޫޓު މަތިންކަމަށް މައުލޫމާތު ލިބެއެވެ.

މާ ގިނައިރުތަކެއް ނުވެ "ޕިޗް-އަޕް، ޕިޗް-އަޕް" އޭ ބުނެ ކޮކްޕިޓް ތެރޭގައި ޕައިލެޓުން ވާހަކަ ދެއްކި އަޑުއިވި، ބޯޓުގެ ރޭޑިއޯ ސިގްނަލް ކެނޑެއެވެ. ބެލެވޭ ގޮތުގައި ބޯޓުގެ އެންޓި-ސްޓޯލިންގް ސިސްޓަމް ފެއިލްވެ، ބޯޓު ވެއްޓިފައިވަނީ ދަތުރަށް ފެށިތާ 6 ވަރަކަށް މިނެޓްގެ ތެރޭގައެވެ.

ވައިގެ އުދުހުންތަކުގައި ޕިޗް-އަޕްއޭ ބުނެ މުހާތަބު ކުރެވެނީ، ސްޓޯލިންގްގެ ނުރައްކާތެރި ދަރަޖައަކަށެވެ. ސްޓޯލިންގްއަކީ، މަތިންދާބޯޓެއް އުދުހެންޖެހޭ ރައްކާތެރި ޑިގްރީއިން ކަސިޔާރުވުމުގެ ސަބަބުން ބޯޓު ވައިގެ ތެރެއަށް އުފުލާލުމަށް ނުކުޅެދޭ ފަދަ ހާލަކަށް އެ ބޯޓު ވައްޓާލާ މަރުހަލާއަކަށް ކިއާ ނަމަކެވެ.

އެންޓި-ސްޓޯލިންގް ނިޒާމަށް ކުރިމަތިވި މައްސަލައެއްގައި އީޓީ302 ވެއްޓުނުތާ 5 ވަރަކަށް މަސްދުވަސްކުރިން، ލަޔަން އެއާއިން އޮޕަރޭޓްކުރި މެކްސް 8 މޮޑެލްގެ ބޮއިންގް މަތިންދާ ބޯޓެއް ވަނީ ޖާވާ ކަނޑަށް ވެއްޓިފައެވެ. މި ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް ހުރިއިރު، މައްސަލަ މުޅިން ހައްލު ކުރެވެންދެން ބޮއިންގް ކުންފުނިންވަނީ މި މޮޑެލްގެ ހުރިހާ ބޯޓެއް ގްރައުންޑް ކުރުމަށް އަންގާފައެވެ. އަދި ބޮއިންގްއިންވަނީ މެކްސް މޮޑެލްގެ ބޯޓުތަކުގެ ސޮފްޓްވެއާ ސިސްޓަމަށް އަޕްޑޭޓެއްވެސް ތައާރަފުކޮށްފައެވެ.