ޖައްވު ތެރޭގައި ދަތުރުކުރަމުންދިޔަ އަމާޒަކަށް ހަމަލާދީ އެ ސެޓެލައިޓް ވައްޓާލި "މިޝަން ޝަކްތީ" އޮޕަރޭޝަންގެ ކާމިޔާބީ ފާހަގަކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގައުމާ މުހާތަބުކުރައްވާ ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރަކީ، އިންޑިއާގެ އިންތިހާބީ ގާނޫނުތަކާ ގަވައިދު (އެމް.ސީ.ސީ) ފުށޫ އަރާފަދަ ކަމެއް ނޫންކަމަށް އިންޑިއާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ބޯމަތިވެފައިވަނިކޮށް މޯދީ މިފަދަ މޭރުމަކުން ގައުމާ މުހާތަބު ކުރައްވާފައިވާ މައްސަލަ، އިދިކޮޅު ފަރާތްތަކުން އިންތިހާބީ ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ބުނީ، ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ބީޖޭޕީއަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ނާޖާއިޒު ފައިދާއެއް މޯދީ ނަންގަވާފައި ނުވާކަމަށެވެ.
އެމް.ސީ.ސީ ނުވަތަ މޮޑެލް ކޯޑް އޮފް ކޮންޑަކްޓަކީ އިންޑިއާގައި އިންތިހާބެއް އިއުލާން ކުރެވުމާއެކު، ސަރުކާރާ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. މި އުސޫލުގެ ދަށުން ކުރެވޭނެ ކަންކަމާ، ނުކުރެވޭނެ ކަންތައްތަކެއްވެސް ބަޔާންކޮށްފައި ހުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި ދުރާލާ އިޒުނަ ހޯދަން ނުޖެހޭނެކަމަށް ބުނެފައެވެ.
ބޮޑުވަޒީރު ކަމުގެ ނާޖާއިޒު ފައިދާ މޯދީ ނަންގަވާ
ނަރޭންދްރާ މޯދީއަކީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވާ ނާޖާއިޒު ފައިދާ ނަންގަވާ، ސަރުކާރުގެ އިދާރާތަކުގެ ބޭނުން ކުރައްވައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނުފޫޒު ފޯރުއްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރިން ކުރައްވާފައިވާ އެޗް.ޑީ ދޭވް ގޯވްދާ ވިދާޅުވެއްޖެއެވެ.
ކަރުނާޓަކާގެ ޗީފް މިނިސްޓަރުކަންވެސް ކުރިން ކުރައްވާފައިވާ، އުމުރުފުޅުން 86 އަހަރުގެ ދޭވް ގޯވްދާ މިފަދަ މޭރުމަކުން މޯދީއަށް ފާޑުވިދާޅުވެފައި މިވަނީ، އިންޑިއާގެ އިންކަމް ޓެކްސްއާ ބެހޭ އޮފިޝަލުން، ކަރުނާޓަކާގައި ވަރުގަދަ ރެއިޑެއް ޖެއްސިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
މިމޭރުމުން މޯދީއަށް ފާޑުވިދާޅުވަމުން ދޭވް ގޯވްދާ ވިދާޅުވީ މަގާމުގެ ނަޖާއިޒު ފައިދާ އާއި ބާރު މޯދީ ބޭނުން ކުރައްވަމުން ގެންދަވާ ގޮތުން ސިހުން ލިބިވަޑައިގެން، ހައިރާންކަމެއްގައި ހުންނެވި ކަމަށެވެ.
އިންކަމް ޓެކްސް އޮފިޝަލުންގެ ރެއިޑަކީ، ކަރުނާޓަކާގެ ޗީފް މިނިސްޓަރު ކަމުގައި މިވަގުތު ހުންނެވި ދޭވް ގޯވްދާގެ ފިރިހެން ދަރިފުޅު އެޗް.ޑީ. ކުމާރަސުވާމީ، ބީޖޭޕީއާއިއެކު ކޯލިޝަން ހެއްދެވުމަށް އިންކާރު ކުރެއްވުމުގެ ނަތީޖާ ކަމަށްވެސް ދޭވް ގޯވްދާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މޯދީ އާއި ޕާކިސްތާނު ބިރިޔާނީ
އިންޑިއާގެ ބޮޑުވަޒީރުކަމުގައި ހުންނަވާ، 2015 ވަނަ އަހަރު ނަރޭންދްރާ މޯދީ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ، ޕާކިސްތާނު ބިރީޔާނީ ފަރީއްކުޅުއްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޕްރިޔާންކާ ގާންދީ ހަޖޫޖައްސަވައިފިއެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީއަށް ކާމިޔާބު ލިބިއްޖެ ނަމަ އެކަމަކީ ޕާކިސްތާނުން އަތްތިލަބަޑިޖަހާނެ ކަމެއް ކަމަށް މޯދީ ވިދާޅުވި ވިދާޅުވުމާ ބެހޭ ގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން، ޖަވާބުގައި ޕްރިޔާންކާ ވިދާޅުވީ، އެއީ "އެމީހުން" (ބީޖޭޕީ) ދެކޭ ގޮތް ކަމަށެވެ.
ޕްރިޔަންކާ އިޝާރަތް ކުރެއްވި ޕާކިސްތާނު ދަތުރުފުޅަކީ، 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހު މޯދީ ކުށްލި ގޮތަކަށް ޕާކިސްތާނަށް ވަޑައިގެން، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރެއްވި ދަތުރުފުޅެވެ.