ދެކުނު ސަރަހައްދީ އިން ހުރަސްކޮށް ޣައިރު ގާނޫނީ ގޮތެއްގައި އެމެރިކާއަށް އެތެރެވާން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް، މިހާރުން މިހާރަށް މެކްސިކޯއިން ފިޔަވަޅު ނާޅައިފިނަމަ، އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިން އެއްކޮށް ބަންދުކުރައްވާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ފްލޮރިޑާގައި ހުންނަވާ، ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މެކްސިކޯއާއި އެމެރިކާ ހިއްސާކުރާ ސަރަހައްދީ އިން އަންނަ ހަފުތާގައިވެސް ބަންދުކުރައްވާފާނެ ކަމަށާ، އެ ބަންދަކީ ދިގުމުއްދަތަކަށް ދެމިގެންދާނެ ކަމެއް ކަމަށެވެ. އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ހިނގާ ހުރިހާ ކަމެއް އެހިސާބުން ހުއްޓުމަކަށް އަންނާނެ ކަމަށާ، މިއީ ކުރައްވާ ސަމާސާއެއް ނޫންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާން މަސައްކަތްކުރާ މީހުން ހުއްޓުވުމަކީ މެކްސިކޯ ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށާ، ނަމަވެސް މެކްސިކޯއިން ކުރާހާވެސް ކަމަކީ، އެމެރިކާގެ ލާރީގެ ބޭނުންކޮށްގެން ވާހަކަތަކެއް ދެއްކުން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާކުރުމަކީ ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ނަމަވެސް މިކަމަށް ބޭނުންވާ އެތައް ބިލިއަން ޑޮލަރެއްގެ ބަޖެޓް ފާސްކުރެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިންކާރު ކުރެއްވުމާއެކު، އެފައިސާއާއި ނުލާ، އެމެރިކާގެ ދައުލަތުގެ ބަޖެޓް ތަސްދީގު ކުރައްވަން ޓްރަމްޕް އިންކާރު ކުރެއްވުމާއިއެކު އެމެރިކާގެ ސަރުކާރުގެ ހިދުމަތްތައްވަނީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން 35 ދުވަހުގެ މުއްދަތަކަށް ހުއްޓާވެސްލާފައެވެ.

ބަޖެޓްގެ މައްސަލަ އަދިވެސް މުޅިން ހައްލުވެފައި ނުވާއިރު، މެކްސިކޯގެ ސަރަހައްދީ އިން ބަންދުކުރައްވާނެ ކަމަށް ޓްރަމްޕް ކުރެއްވި އިންޒާރުގެ ތެރޭގައި ވައިގެ ސަރަހައްދުން ކުރާ ދަތުރުފަތުރާ ވިޔަފާރީގެ މުއާމަލާތްތައް ހިމެނޭތޯ މިޑީއާއިން ދެންނެވި ސުވާލަށް ވައިޓްހައުސްއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއިން ދަނީ ގަވައިދާ ހިލާފަށް އެގައުމަށް އެތެރެވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމަށްޓަކައި ސަރަހައްދީއިމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ގަވައިދާ ހިލާފަށް އެތެރެވާ ފަރާތްތައް ހައްޔަރުކޮށްގެން ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކު، ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލުން މަރުވި ކަމަށް ބުނާ މައްސަލައެއްގެ އަޑުތައް މިހާރު ދަނީ ފެތުރެމުންނެވެ.